ޚަބަރު
ހުޅުމާލޭގެ ޓްރެފިކް މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި
ފުލުހުންނާއި އިކޮނޮމިކް މިނިސްޓްރީއާއެކު ބޭއްވުނު ބައްދަލުވުން. ފޮޓޯ: ވުޒާރާ
ހުޅުމާލޭގެ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށްޓަކައި އިޤްތިސާދީ ތަރައްޤީއާއި ދަތުރުފަތުރާބެހޭ ވުޒާރާއިން ފުލުހުންނާއި، ހައުސިން ޑިވެލޮޕްމަންޓް އޮތޯރިޓީ (އެޗްޑީސީ) އާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މިކަމާއި ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގައި ހުޅުމާލޭގެ ޓްރެފިކް ހާލަތު މިހާރު އޮތްގޮތާއި، ޓްރެފިކް މައްސަލަތައް ހައްލުކުރުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ. މީގެއިތުރުން، މި މައްސަލަތަކަށް މިހާރުން މިހާރަށް އެޅިދާނެ އަވަސް ފިޔަވަޅުތަކާއި، ދިގުމުއްދަތުގައި މައްސަލަތައް ހައްލުކުރެވިދާނެ ގޮތްތަކާމެދުވެސް ބައްދަލުވުމުގެ ބައިވެރިން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.
މަގުމަތީގެ ރައްކާތެރިކަމަށް ސަމާލުވުމަށް އިލްތިމާސްކުރުން
ނިމިދިޔަ ހަފުތާގައި މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓުތަކެއް ހިނގާފައިވާއިރު، ފުލުހުން ވަނީ މަގުމަތީގައި އުޅަނދުތައް ދުއްވާއިރު ސަމާލުވާންޖެހޭ މުހިންމު ކަންކަން ފާހަގަކޮށް، އެކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.
"އަމާންކަމާއި ސަލާމަތްތެރިކަމަކީ ހަމައެކަނި ފުލުހުންނާއި ކަމާބެހޭ އިދާރާތަކާއި ޤާނޫނުތަކުން އެކަނި ހާސިލުކުރެވޭނެ ކަންކަމެއް ނޫން" ފުލުހުން ބުނެފައިވެއެވެ. އަދި އެއީ ކޮންމެ ފަރުދެއްގެވެސް ހޭލުންތެރިކަމާއި، އަނެކާއަށް ބަހައްޓާ އޯގާތެރިކަމާއި ކަމޭހިތުމުގެ ތެރެއިން ނޫނީ ހޯދޭނެ ކަމެއް ނޫންކަމަށްވެސް ފުލުހުން ފާހަގަކުރެއްވިއެވެ.
މިނިސްޓްރީން ވަނީ މިއަދު @PoliceMv އާއި @hdcmaldives އާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައި.
— Ministry of Economic Development,Transport & Trade (@MoEDmv) September 3, 2026
މި ބައްދަލުވުމުގައި ވަނީ، ހުޅުމާލޭގެ ޓްރެފިކް ހާލަތު މިހާރު އޮތް ގޮތާއި، ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، މިކަންކަމަށް މިހާރުން މިހާރަށް އެޅިދާނެ… pic.twitter.com/xuoW4JDzLW
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި 22 ކަމަކަށް ސަމާލުކަން ދިނުމަށް ފުލުހުން ވަނީ އެދިފައެވެ. އޭގެތެރޭގައި އެއް އުޅަނދު އަނެއް އުޅަނދާ ދެމެދު އެކަށީގެންވާ ދުރުމިނެއް ބެހެއްޓުމާއި، އުޅަނދުގެ ކޮންޓްރޯލް ގެއްލޭ ފަދަ ބާރު ސްޕީޑުގައި ނުދުއްވުމާއި، ޓްރެފިކް ޤަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމުގެ އިތުރުން ނުރައްކާތެރި އޯވަޓޭކްތަކުން ދުރުހެލިވުން ހިމެނެއެވެ. މީގެއިތުރުން ދުރާލާ ސިގްނަލް ދިނުމާއި، އުޅަނދުތަކަށް ޖާގަ ދިނުމާއި، ކަފިހި ހުރަސް ބޭނުންކުރުމުގެ މުހިންމުކަންވެސް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.