ޚަބަރު
ދިވެހިންނަށް ޚާއްސަ ދާއިރާތަކުގައި ހަރަކާތްތެރިވި ބޭރުގެ 28 ކުންފުންޏެއް އުވާލައިފި
މާލޭގެ ވިޔަފާރި ބަނދަރު. ފޮޓޯ:ކޯޕަރޭޓް މޯލްޑިވްސް
ދިވެހިންނަށް ޚާއްސަ ކުރެވިފައިވާ ވިޔަފާރީގެ ދާއިރާތަކުގައި ހަރަކާތްތެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ބޭރުގެ 28 ކުންފުންޏެއް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން އުވާލައިފިއެވެ.
މި ކުންފުނިތައް އުވާލާފައިވަނީ ޤާނޫނުގެ ދަށުން ރަޖިސްޓްރަރ އޮފް ކޮމްޕެނީސްއަށް ލިބިފައިވާ ބާރުގެ ދަށުންނެވެ.
އިޤްތިޞާދީ ވުޒާރާއިން ފޮރިން އިންވެސްޓްމެންޓް އެންޓްރީ ރިކުއަރމެންޓްސް ނުވަތަ ރާއްޖޭގައި އިންވެސްޓް ކުރުމުގެ ޝަރުތުތައް ޝާޢިއުކޮށްފައިވަނީ 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވި އައު ފޮރިން އިންވެސްޓްމެންޓް ޤާނޫނުގެ ދަށުންނެވެ. މި ޝަރުތުތަކާ އެއްގޮތަށް ދިވެހިންނަށް ޚާއްސަކޮށްފައިވާ ދާއިރާތަކުގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދިޔަ ބޭރުގެ 28 ކުންފުނި އުވާލައި، އެ ކުންފުނިތަކުގެ ލިސްޓު މިހާރު ވަނީ ޝާޢިއުކޮށްފައެވެ.
މި ބަދަލުތަކާ ގުޅިގެން، ދިވެހިންނަށް ޚާއްސަ ކުރި ވިޔަފާރިތަކަށް މިހާރުވެސް އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް ގެއްލުން ނުވާނެހެން، އެ ދާއިރާތަކުން ބޭރުވުމަށް ނުވަތަ މިހާރު ފުރުސަތު އޮތް އެހެން ދާއިރާތަކަށް ޓްރާންސިޝަން ވުމަށް އިޤްތިޞާދީ ވުޒާރާއިން ވަނީ މުއްދަތެއް ދީފައެވެ. އަދި ބޭރުގެ ކުންފުނިތައް އުވާލާފައިވަނީ މިކަމާއި ގުޅޭ ހުރިހާ އިޖުރާޢަތްތަކާއި ކުންފުނިތަކާ ބެހޭ ޤާނޫނުގައިވާ އެންމެހައި އިޖުރާޢަތްތައް ފުރިހަމަކުރުމަށްފަހު ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
އައު އިންވެސްޓްމެންޓް ރިކުއަރމެންޓްސްގެ އަސާސަކީ، ދިވެހިން ކުރިއަރަމުން އަންނަ ސިނާޢަތްތަކާއި ދާއިރާތައް ދިވެހިންނަށް ޚާއްސަކޮށް، ބޭރުގެ ތަޖުރިބާ ބޭނުންވާ ދާއިރާތަކުން އެފަރާތްތަކަށް ފުރުސަތު ހުޅުވާލުމެވެ. މީގެ އިތުރުން، ބައެއް ދާއިރާތަކުގައި ދިވެހި ހިއްސާދާރަކާ ނުލައި ވިޔަފާރި ނުކުރެވޭ ގޮތަށް ނުވަތަ ޖޮއިންޓް ވެންޗަރ އުސޫލުން ވިޔަފާރި ކުރެވޭ ގޮތަށް ވަނީ ފުރުސަތު ފަހިކޮށްދީފައެވެ.
އިޤްތިޞާދީ ވުޒާރާއިން ފާހަގަކުރި ގޮތުގައި، ދިވެހީންގެ ހުނަރާއި ޤާބިލުކަން ހުރި ދާއިރާތައް ކަމަށްވާ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ލޮޖިސްޓިކްސް، އާންމު ކަނޑު ދަތުރުފަތުރުގެ ޚިދުމަތް، ބަންކަރިންގެ ޚިދުމަތުގެ އިތުރުން 15 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫޢުތަކާއި 100 މިލިޔަން ޑޮލަރުން ދަށުގެ ރިއަލް އެސްޓޭޓް މަޝްރޫޢުތައް މިހާރު ވަނީ ދިވެހިންނަށް ޚާއްސަކޮށް، ބޭރުގެ އިންވެސްޓްމެންޓް ފުރުސަތުތައް ހަނިކޮށްފައެވެ.
45 އަހަރަށްފަހު ފޮރިން އިންވެސްޓްމެންޓް ޤާނޫނަށް ބޮޑެތި އިސްލާޙުތަކެއް ގެނެސް 2024 ވަނަ އަހަރު އައު ޤާނޫނެއް ތަސްދީޤުކުރީ، ރާއްޖެއަށް އަންނަ ބޭރުގެ އިންވެސްޓަރުންނަށް ފަހި މާހައުލެއް ޤާއިމްކޮށްދިނުމާއެކު ދިވެހިންނަށް ވާދަވެރި ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމަށެވެ. މި ޤާނޫނުގެ ދަށުން އިންވެސްޓްމެންޓްތައް ރައްކާތެރިކުރުމަށް ޒަމާނީ ބަދަލުތަކެއް ގެނެވިފައިވާ ކަމަށް އިޤްތިޞާދީ ވުޒާރާއިން ހާމަކުރެއެވެ.