ޚަބަރު
ޤައުމީ ޔުނިވަރސިޓީގެ އަހަރީ ފޮތް މައުރަޒު ފަށައިފި
ޤައުމީ ޔުނިވަރސިޓީފެ އަހަރީ ފޮތް މައުރަޒު ހުޅުވުން. ފޮޓޯ: އެމްއެންޔޫ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން (އެމްއެންޔޫ) އިންތިޒާމުކޮށްގެން ބާއްވާ އަހަރީ ފޮތް މައުރަޒު ރަސްމީކޮށް ފަށައިފިއެވެ.
މި މައުރަޒު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. މި ރަސްމިއްޔާތުގެ ތެރެއިން އައު ފޮތެއްވެސް ވަނީ ނެރެ އިފްތިތާޙުކޮށްފައެވެ.
މި މައުރަޒު ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ލިޔުންތެރިންގެ ހުނަރުތަކާއި އުފެއްދުންތައް ޢާންމުންނާ ހަމައަށް ފޯރުކޮށްދިނުމާއި، ޝާއިޢު ނުކުރެވި ހުރި ފޮތްތައް ނެރުމަށް މަގުފަހިކޮށްދިނުމެވެ. މީގެއިތުރުން އެއް ފުރާޅެއްގެ ދަށުން އެކި ބާވަތްތަކުގެ ފޮތްތައް ޢާންމުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދީ، މުޖުތަމަޢުގައި ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމަކީވެސް މި މައުރަޒުގެ މުހިންމު މަޤްޞަދެކެވެ.
މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ގިނަގިނައިން ފޮތް ކިޔުމަކީ މީހާގެ ސިކުނޑި ތަނަވަސްވެ އިލްމީ ގޮތުން ކުރިއަރައިދާނެ ކަމެއް ކަމަށެވެ. އަދި ތަފާތު ދާއިރާތަކާއި އެކި ބަސްބަހުން ލިޔެވިފައިވާ ފޮތްތައް ކިޔުމަކީ މަޢުލޫމާތުގެ ޚަޒާނާ މުއްސަނދިވެގެންދާނެ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ގިނަ ގިނައިން ފޮތް ކިޔުމަކީ މީހާ މޮޅުވާނެ ކަމެއް. މަދުން ފޮތްކިޔާ މިހާއާއި ގިނައިން ފޮތްކިޔާ މިހާއާއި ތަފާތުވާނެ. އެމީކަކު ގިނައިން ފޮތްކީމިންވަރަކުން އެމީހެއްގެ ސިކުޑި ތަނަވަސްވެ، އެމީހަކު މޮޅުވެގެންދާނެ. އަދި ތަފާތު ދާއިރާތަކުގެ ފޮތްތަށް ކިޔާމީހުން އިތުރަށް މޮޅުވެގެންދާނެ. ތަފާތު ދާއިރާތަކުގެ މައުލޫމާތުތަށް ހަޒާނާކުރުމަކީ ވަރަށް މުހިންމު ކަމެއް. ތަފާތު ބަސްބަހުން ލިޔެފަ ހުންނަ ފޮތްތަށް ކިޔުމަކީ އެމީހާއަށް އިލްމީ ގޮތުން ވަރަށްގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމެއް" ކަމަށް ވަޒީރު ވާހަކަފުޅުގައި ވިދާޅުވިއެވެ.
އަދި ޤައުމީ ޔުނިވަރސިޓީން މިފަދަ ފުރުޞަތެއް ފަހިކޮށްދިނުމަކީ ދަރިވަރުންނާއި ދިރާސާވެރިންގެ އިތުރުން ފޮތް ލިޔެ ވިއްކާ ފަރާތްތަކަށް ލިބުނު ރަނުގެ ފުރުޞަތެއް ކަމަށްވެސް ވިދާޅުވިއެވެ.
މިއީ އެމްއެންޔޫން މި މައުރަޒު ބާއްވާ 6 ވަނަ ފަހަރެވެ. ޖުމްލަ 42 ފަރާތަކުން ބައިވެރިވެފައިވާ މި މައުރަޒު ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ. މައުރަޒު ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 04:00 އިން 06:00 އަށް އަދި ރޭގަނޑު 08:00 އިން 10:00 އަށެވެ.
ލިޔުންތެރިންނާއި ފޮތް ވިއްކާ ފަރާތްތަކަށް އެއްވެސް ފީއަކާ ނުލައި ހިލޭ ބައިވެރިވެވޭ ގޮތަށް އިންތިޒާމުކޮށްފައިވާ މި މައުރަޒުގައި ތުއްތު ކުދިންނާއި ބޮޑެތި މީހުންގެ ވާހަކަ ފޮތްތަކުގެ އިތުރުން، ޢާންމު މަޢުލޫމާތު ލިބޭ ފޮތްތަކާއި، ސްކޫލް ސްޓޭޝަނަރީ އަދި ދިވެހިންގެ ތަފާތު އުފެއްދުންތައް ލިބެން ހުންނާނެއެވެ.