ދީން / ޚަބަރު
ކުޑަކުދިންނަކީ އަމާނާތެއް، ހުރިހާ ޙާލަތެއްގައި ވެސް އެއަމާނާތަށް ރައްކާތެރިވުމަކީ މުޅި މުޖްތަމަޢުގެ ވާޖިބެއް: ހުކުރު ޚުޠުބާ
ކުޑަކުދިންނަކީ އަމާނާތެއް، ހުރިހާ ޙާލަތެއްގައި ވެސް އެއަމާނާތަށް ރައްކާތެރިވުމަކީ މުޅި މުޖްތަމަޢުގެ ވާޖިބެއް
ކުޑަކުދީންނަކީ މާތްﷲ މައިންބަފައިންނާ ޙަވާލުކުރައްވާފައިވާ އަގުހުރި އަމާނާތެއް ކަމަށާއި، ހުރިހައި ޙާލެއްގައި އަދި ހުރިހައި ވަގުތެއްގައިމެ މި މަތިވެރި އަމާނާތަށް ރައްކާތެރިވުމަކީ މައިންބަފައިންނާއި މުޅި މުޖުތަމަޢުގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި ވޭތުވެގެން މިދާ ހަފުތާގެ ތެރޭގައި ހިތާމައިން ފުރިގެންވާ ހިތްދަތި ޚަބަރުތަކެއް ވަނީ ލިބިފައެވެ. އެގޮތުން ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮޑެތި އަނިޔާތަކެއް ލިބުނު މަޢުސޫމު ކުއްޖަކަށް ފަރުވާކުރަމުންދަނިކޮށް ނިޔާވި ޚަބަރާއި، ޢިމާރާތެއްގެ މަތިން ތުއްތު ކުއްޖަކު ވެއްޓި ނިޔާވި ޚަބަރު ހިމެނެއެވެ. އަދި ކުޑަކުދީންނަށް އިހުމާލުނުވުމަށް އަމުރުކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރީން، ނަރަކައިން ސަލާމަތްކުރާށެވެ!"
ކުޑަކުދީންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ މުޢާޙަދާތަކާއި ޤާނޫނުތައް ވުޖޫދަށް އައުމުގެ މާކުރިން، މާތް ﷲ އެކަލާނގެ ޝަރީޢަތުގައި ކުޑަކުދީންގެ ޙައްޤުތައް އެންމެ ފުރިހަމައަށް ރައްކާތެރިކޮށްދެއްވާފައިވާކަން ޚުޠުބާގައި ބަޔާންކުރެއްވިއެވެ. ކުޑަކުދީންނަށް ލިބިދޭންވާ ޙިމާޔަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ލިބޭނީ ހަރުދަނާ ޢާއިލާއެއްގެ ތެރެއިންނާއި މުޖުތަމަޢަކުން ކަމަށް ވިދާޅުވެ، އަނިޔާވެރިކަމާއި، ތަފާތުކުރުންތަކާއި، ގަނާކުރުން ފަދަ ކަންކަމުން އެކުދީން ރައްކާތެރިކުރުމަށް ގޮވާލެއްވިއެވެ.
ކުދިން ތަރުބިޔަތުކުރުމުގައި ދީނީ ކަންކަމަށް އަހުލުވެރިކުރުވުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅެއް ޚުޠުބާގައި ގެންނެވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ތިޔަބައިމީހުންގެ ދަރީންނަށް ހަތް އަހަރުވުމުން، ނަމާދުކުރުމަށް އެ ކުދީންނަށް އަމުރުކުރާށެވެ! އަދި ދިހަ އަހަރުވުމުން އެ ކުދީން ނަމާދުނުކުރާ ނަމަ، އަނިޔާނުވާ ގޮތަށް އެ ކުދީންގެ ގައިގައި ޖަހައި އަދަބުދޭށެވެ!" އަދި އެހެން ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ: "އަހަރެމެންގެ ތެރެއިން ކުޑަކުދީންނަށް އޯގާތެރިނުވާ މީހާއީ، އަހަރެމެން މުސްލިމުންގެ ތެރެއިންވާ މީހެއް ނޫނެވެ."
ޚުޠުބާ ނިންމަވާލައްވަމުން، ކުޑަކުދީންނަށް އިހުމާލުވެ އެއްވެސް ރަޙުމެއް ހަމްދަރުދީއެއް ނެތި އެ ކުދީންނަށް ލާއިންސާނީ އަނިޔާތައްކުރާ މީހުން މުޖުތަމަޢުގައި އުޅޭކަމީ ހިތާމަހުރި ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ކުޑަކުދީންނަށް އިހުމާލުވެ އަނިޔާވެރިވާ ފަރާތްތަކަށް އިސްލާމީ ޝަރީޢަތާއި ރާއްޖޭގެ ޤާނޫނުތަކުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ކަމާބެހޭ މުއައްސަސާތަކަށާއި މަސްއޫލުވެރި އެންމެހައި ފަރާތްތަކަށް ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ.