Ads by Farudhun

ޚަބަރު

މާމެންދޫން 17 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

މާމެންދޫން 17 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

މާމެންދޫއިން ހައްޔަރު ކުރި 2 މީހުން - ފޮޓޯ: ފުލުހުން

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

04 ސެޕްޓެމްބަރު 2026، 11:03

04 ސެޕްޓެމްބަރު 2026، 11:03

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި، އެތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގއ. މާމެންދޫގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް މި އހަރުގެ ޖުލައި މަހުން ފެށިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އަޕަރ ސައުތު ޕޮލިހުގެ ގއ. އަތޮޅު ޕޮލިސް އާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަގް އެންފޯސްމަންޓް ގުޅިގެން ސެޕްޓެމްބަރު 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މާމެންދޫގެ ދެ ގެއެއް ބަލައިފާސްކޮށްފައިވެއެވެ. މި ބަލައިފާސްކުރުމުގެ ތެރޭގައި އެ ދެ ގެއިން ވަގުތީ ބަރުދަނުގައި 17.7 ކިލޯ ހުރި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ / ފިޔާތޮށިވިލާ، އަޒުހަދު ނަސީމް (29އ) އަދި އެ ރަށު ރޯޝަނީގެ، ރިޝްފާން ރާމިޒު (29އ) އެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި ދެމީހުންނަކީވެސް މި މަސްތުވާތަކެތީގެ ނެޓްވޯކުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ދެ މީހުންނެވެ.

ހައްޔަރުކުރެވުނު ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެމީހުންގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި އޮޕަރޭޝަނުގެ ތެރެއިން އިތުރު ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް ފުލުހުން އަދިވެސް ދަނީ ކުރަމުންނެވެ. އަދި މި މައްސަލަ އަޕަރ ސައުތު ޕޮލިހާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450