Ads by Farudhun

ޚަބަރު

ވަކި ޕާޓީއަކަށް ނުވަދެގެން ވަޒީފާ ކަނޑާލުމުގެ ސަގާފަތަކީ ކުރީގެ ތިން ވެރިކަމުގައި އޮތް ކަމެއް: ޝުޖާއު

ވަކި ޕާޓީއަކަށް ނުވަދެގެން ވަޒީފާ ކަނޑާލުމުގެ ސަގާފަތަކީ ކުރީގެ ތިން ވެރިކަމުގައި އޮތް ކަމެއް: ޝުޖާއު

ބާރު އެމްޕީ ޝުޖާއު - ފޮޓޯ: ޝުޖާއު

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

04 ސެޕްޓެމްބަރު 2026، 03:29

04 ސެޕްޓެމްބަރު 2026، 03:29

ސިޔާސީ ޕާޓީއަކަށް ނުވަދެގެން ނުވަތަ ޕާޓީ ބަދަލުނުކޮށްގެން މީހުން ވަޒީފާއިން ވަކިކުރުމުގެ ބިރުވެރި ސަގާފަތަކީ ފާއިތުވި ތިން ވެރިކަމުގައި އޮތް ކަމެއް ކަމަށާއި، މި ސަރުކާރުން އެފަދަ ކަމެއް ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނުވަދެގެން، އެއީ ސަބަބެއް ކަމަށް ބަލައި އެއްވެސް މީހެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށެވެ. އެގޮތަށް ވަޒީފާތައް ގެއްލިގެން ގޮސްފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ރައީސް ޢަބްދުﷲ ޔާމީން އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝުޖާއު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) ތަކުގެ މުވައްޒަފުންނަށް ވަކި ކުލައެއްގެ ކާޑު ދީގެން ސިޔާސީ ޕާޓީތަކުގެ ޖަލްސާތަކަށް ދިއުމަށް މީގެ ކުރިން މަޖުބޫރު ކުރުވި މަންޒަރު ފެނިވަޑައިގެންނެވި ކަމަށެވެ. އަދި އޭރު އެކަންކަން އެގޮތަށް ކުރުވި ސިޔާސީ ވެރިން މިއަދު މިފަދަ ވާހަކަތައް ދެއްކެވުމުން ރައްޔިތުން އެކަން ބަލައިނުގަންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ވަރަށް ފޯރީގައި އަދި ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްދާކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ، މިހާރު އެއްވެސް ދިވެހި ރައްޔިތަކަށް، އެމީހަކަށް ނޭނގި ސިޔާސީ ޕާޓީއަކަށް ނުވެއްދޭނެ ކަމަށާއި، ޕާޓީއަކަށް ވަނުމާއި ނުވަނުމަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ އަމިއްލަ ޙައްޤެއް ކަމަށެވެ.

މީގެއިތުރުން، ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޕާޓީގެ ދަފްތަރުގައި އެއްވެސް މީހަކު އެމީހަކަށް ނޭނގި ހިމެނިފައިވާނަމަ އެކަން ރިޕޯޓް ކުރުމުގެ ފުރުޞަތު ސިޔާސީ ތާރީޚުގައި ފުރަތަމަ ފަހަރަށް ހުޅުވާލައްވާފައި ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި އެ މުއްދަތުގައި އެއްވެސް ޝަކުވާއެއް ލިބިފައި ނުވާތީ، ޕީއެންސީއަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ "ޙަލާލު" މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، ވެރިކަމުގައި ތިއްބެވި ދުވަސްވަރު ވެރިޔާއަށް ނޭނގި އަމިއްލަ ވިޔަފާރި ފަށައި، ޕާޓީގެ އޮފީސް ދޫކޮށް ގަނޑުވަރުތަކުގައި ޕާޓީ ހިންގަން އުޅުއްވި ބޭފުޅުންނަށާއި، މަޤާމުގެ ޒިންމާ އަދާނުކޮށް ޕާޓީގެ ހަރަކާތްތަކަށް ބިރުން ފިލައިގެން އުޅުއްވި ފަރާތްތަކަށް ސިޔާސީ ޕާޓީ ހިންގާނެ ރަނގަޅު ގޮތް ނޭނގޭނެ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450