ޚަބަރު
ފަލަސްތީނަށް ކަނޑައަޅާފައިވާ ސަފީރުގެ ފަތްކޮޅު އަރުވައިފި
ފަލަސްތީނަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު، ޑރ. އިބްރާހިމް ޒުހުރީ. ފޮޓޯ: ޚާރިޖީ ވުޒާރާ
ދިވެހިރާއްޖޭން ފަލަސްތީނަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު، ޑރ. އިބްރާހިމް ޒުހުރީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ފަލަސްތީނުގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް އެންޑް އެކްސްޕެޓްރިއޭޓް ޑރ. އަގަބެކިއަން ވަރެސަންއަށް އަރުވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވުނު ބައްދަލުވުމުގައި، ސަފީރު ޑރ. ޒުހުރީ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދިވެހި ރައްޔިތުންގެ ފަރާތްޕުޅުން ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސަށާއި ފަލަސްތީނުގެ އަޚުވަންތަ ރައްޔިތުންނަށް ހެޔޮއެދުމާއި ތަހުނިޔާ ރައްދުކޮށްދެއްވާފައެވެ.
މީގެއިތުރުން، ދިވެހިރާއްޖެއާއި ފަލަސްތީނާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާއި އެއްބާރުލުން ފާހަގަކުރައްވައި، ސަފީރުގެ ދައުރުގައި ދެ ޤައުމުގެ ސިޔާސީ ގުޅުން އިތުރަށް ވަރުގަދަކޮށް އައު ހަރުފަތަކަށް ގެންދިއުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ޑރ. ޒުހުރީ ދެއްވިއެވެ.
އަދި 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ މިނިވަން މުސްތަޤިއްލު ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން ތާއީދުކުރާކަން ސަފީރު ހާމަކުރެއްވިއެވެ. މީގެއިތުރުން ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ފަލަސްތީނުގެ ޚާރިޖީ ވަޒީރު ވަނީ ސަފީރު ކަމުގެ މަޤާމަށް ޑރ. ޒުހުރީ އިސްކުރެއްވުމާ ގުޅިގެން މަރުޙަބާ ވިދާޅުވެ، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.