ޚަބަރު
ބޭހާއި ވެކްސިން ރައްކާކުރާ ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީގެ ބިންގާ އަޅައިފި
ބޭހާއި ވެކްސިން ރައްކާކުރާ ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީގެ ބިންގާއެޅުން. ފޮޓޯ: ވުޒާރާ
ބޭހާއި ވެކްސިނާއި ސިއްހީ ވަސީލަތްތަކުގެ އިތުރުން ސިއްހީ ހިދުމަތްތަކަށް ބޭނުންވާ އެހެނިހެން ތަކެތި ރައްކާތެރިކަމާއެކު ބެލެއްޓުމަށްޓަކައި ގާއިމުކުރާ "ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީ" ގެ ބިންގާ އަޅައިފިއެވެ. މި ފެސިލިޓީގެ ބިންގާ އަޅުއްވައިދެއްވީ ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ.
މި ފެސިލިޓީއަކީ ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގުޅިގެން ކުރިއަށްގެންދާ "ރެސްޕޮންސިވް ކޮވިޑް-19 ވެކްސިނޭޝަން ފޮރ ރިކަވަރީ ޕްރޮޖެކްޓް" ގެ ދަށުން އިމާރާތްކުރާ ތަނެކެވެ. މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން
"މި ފެސިލިޓީއަކީ ރާއްޖޭގެ ސިއްހީ ނިޒާމުގެ ރައްކާތެރިކަމާއި ހިންގުންތެރިކަން އިތުރުކުރުމަށާއި، މި ދާއިރާގެ ދެމެހެއްޓެނިވިކަމަށްޓަކައި ކުރެވޭ ދުރުރާސްތާގެ ނުހަނު މުހިންމު އިންވެސްޓްމަންޓެއް" ވަޒީރު ޤީލާ ޢަލީ ވިދާޅުވިއެވެ.
ސިއްހީ ވުޒާރާއިން މައުލޫމާތު ދިން ގޮތުގައި، މި އިމާރާތް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ވެކްސިން ރައްކާކުރާ ތަނެއްގެ ގޮތުގައެއް ނޫނެވެ. މިއީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އިދާރީ އޮފީހުގެ އިތުރުން، މެންޓަލް ހެލްތު ޑިޕާޓްމަންޓާއި ރެގިއުލޭޓަރީ ބޯޑުތަކާއި ކައުންސިލްތައް އަދި މިނިސްޓްރީގެ މުހިންމު އެހެނިހެން ޓެކްނިކަލް ޑިވިޝަންތައް ހިމެނޭހެން، އާންމު ސިއްހަތާ ގުޅުންހުރި މުހިންމު ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށްޓަކައި ތަރައްގީކުރެވޭ ޒަމާނީ އިމާރާތެކެވެ.

މި ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީ ގާއިމުކުރެވުމާއެކު، ރާއްޖޭގައި ވެކްސިން ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ވެކްސިނާއި ބޭހާއި ސިއްހީ ވަސީލަތްތައް އެއްތަނެއްގައި ރައްކާތެރިކަމާއެކު ބެހެއްޓޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މީގެ ސަބަބުން، އާންމު ހާލަތްތަކުގައާއި، ކުރިމަތިވެދާނެ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައިވެސް އަވަހަށް އަދި ފުރިހަމައަށް އިޖާބަދިނުމުގެ ގާބިލުކަން ސިއްހީ ދާއިރާއަށް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.
ސިއްހަތާ ބެހޭ ވުޒާރާއިން އިތުރަށް ބުނީ، މި ފެސިލިޓީގެ ސަބަބުން ބޭހާއި ސިއްހީ އެކި އާލާތްތައް ރައްކާކުރުމަށް މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި ތަކެތި ރައްކާކުރުމަށްޓަކައި ކުއްޔަށް ނަގާފައިވާ ތަންތަނަށް ބަރޯސާވާ މިންވަރު ކުޑަވެ، އިދާރީ ހިންގުން ހަރުދަނާވެގެން ދިއުމާއެކު، ދިގު މުއްދަތުގައި ދައުލަތުން ކުރަންޖެހޭ ހަރަދުތައް ބޮޑުތަނުން ކުޑަކުރެވިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.