ޚަބަރު
ނޭޕާލަށް އިންސާނީ އެހީގެ ގޮތުގައި 1 މިލިއަން ރުފިޔާ ދިނުމަށް ދިވެހި ސަރުކާރުން ނިންމައިފި
ނޭޕާލުގައި ފެންބޮޑުވި ސަރަހައްދު
ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން، އެ ގައުމުގެ ޕްރައިމް މިނިސްޓާސް ޑިޒާސްޓާ ރިލީފް ފަންޑަށް 1 މިލިއަން ދިވެހި ރުފިޔާގެ އެހީއެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މި އެހީއަކީ 26 އޮގަސްޓް 2026 ގައި ނޭޕާލަށް ކުރިމަތިވި ގުދުރަތީ ކާރިސާއާ ގުޅިގެން ކުރިއަށްދާ ރިލީފް މަސައްކަތްތަކަށާއި، ކާރިސާއިން އަރައިގަތުމަށް ކުރެވެމުންދާ އިންސާނީ އެހީގެ މަސައްކަތްތަކަށް ދިނުމަށް ނިންމި އެހީއެކެވެ. މިއީ ސަރަހައްދީ އެއްބައިވަންތަކަމާއި، މިފަދަ ދަތި އުނދަގޫ ދަނޑިވަޅުތަކުގައި ގައުމުތަކުން އެކުވެރިކަމާއި އޯގާތެރިކަމާއެކު އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހިރާއްޖެއިން ގެންގުޅޭ ހަރުދަނާ އުސޫލުތައް ދައްކުވައިދޭ ނިންމުމެކެވެ.
މި ހިތާމަވެރި ހާދިސާގައި ގިނަ ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ ނޭޕާލްގެ ސަރުކާރަށާއި ރައްޔިތުންނަށް އިހުލާސްތެރި ތައުޒިޔާ ފޮނުއްވާފައެވެ. އަދި މި ދަތި ވަގުތުގައި ދިވެހިރާއްޖެ އޮތީ ނޭޕާލްގެ ރައްޔިތުންނާ އެކުގައި ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފައެވެ.
ދެކުނު އޭޝިއާގެ ދެ ގައުމު ކަމަށްވާ ރާއްޖެއާއި ނޭޕާލާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1980 ވަނަ އަހަރުއެވެ. އޭގެ ފަހުން ދެ ގައުމުގެ ދެމެދުގައި އޮންނަނީ ވަރަށް ގާތް، އެކުވެރި ގުޅުމެކެވެ. ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މި ގާތް ގުޅުން އިތުރަށް ބަދަހިކޮށް، ސަރަހައްދީ ގައުމުތަކަށް ދިމާވާ ދަތި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.