ޚަބަރު
މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު އުފަންވި ކުދިންގެ ނިސްބަތް ދަށަށް ހިނގައްޖެ
ދިވެހި ކުޑަކުއްޖެއް. ފޮޓޯ: ޔުނިސެފް
މިދިޔަ އަހަރަށް ވުރެ މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އުފަންވި ކުދިންގެ އަދަދު މަދުވެފައިވާ ކަމަށް ސިއްޙީ ވުޒާރާއާއި ތަފާސްހިސާބާބެހޭ ޤައުމީ އިދާރާ ގުޅިގެން ނެރޭ "ކުއާޓަލީ ވައިޓަލް ސްޓެޓިސްޓިކްސް" ރިޕޯޓުން ދައްކައިފިއެވެ.
ރާއްޖޭގެ ވިހާ މަރުވުމާ ގުޅޭ ތަފާސްހިސާބުތައް ކޮންމެ ތިން މަހަކުން އަދާހަމަކޮށް އާންމުކުރާ މި ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު އުފަންވެފައިވަނީ 2,538 ކުދިންނެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ޖުމްލަ 2,806 ކުދިން އުފަންވެފައިވާއިރު، މިއަހަރު އެ އަދަދު ވަނީ 268 ކުދިން ނުވަތަ 9.5 އިންސައްތަ ދަށަށް ގޮސްފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު އުފަންވި ކުދިންގެ ތެރޭގައި ގިނައީ ފިރިހެން ކުދިންނެވެ. އެގޮތުން މިއަހަރު 1,309 ފިރިހެން ކުދިންނާއި 1,229 އަންހެން ކުދިން އުފަންވެފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އުފަންވެފައިވަނީ 1,407 ފިރިހެން ކުދިންނާއި 1,399 އަންހެން ކުދިންނެވެ.
އުފަންވި ކުދިންގެ ސަރަޙައްދީ ނިސްބަތަށް ބަލާއިރު، 70 އިންސައްތަ ކުދިން އުފަންވެފައިވަނީ މާލެ ސަރަޙައްދަށެވެ. އަދި ބާކީ 30 އިންސައްތަ ކުދިން އުފަންވީ އަތޮޅުތަކަށެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު އެއްވަރެއްގައި ހިފެހެއްޓިފައިވާ އަދަދެކެވެ. މީގެއިތުރުން، އުފަންވި ގިނަ ކުދިންގެ މައިންގެ އުމުރަކީ 30 އަހަރާއި 34 އަހަރާ ދެމެދެވެ.
ނިޔާވި މީހުންގެ އަދަދުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު 703 މީހުން ނިޔާވެފައިވީ ނަމަވެސް، މިއަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ 813 އަށް އަރާފައެވެ. ނިޔާވި މީހުންގެ ތެރޭގައި ގިނައީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ. އަދި މިއަހަރު ނިޔާވި މީހުންގެ ތެރޭގައި 89 ބިދޭސީން ހިމެނޭއިރު، މިދިޔަ އަހަރު މި އަދަދު އުޅުނީ 72 ގައެވެ.
ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތް ދަށަށް ދިއުމާ ގުޅިގެން ކަންބޮޑުވުންތައް އެބައޮތެވެ. ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، ދުވަސްވީ އާބާދީ އިތުރުވެ މަސައްކަތްކުރާ އާބާދީ މަދުވަމުން ދިއުމަކީ ރާއްޖޭގެ އިޤްތިޞާދަށާއި މުސްތަޤުބަލަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެކެވެ. ރާއްޖޭގައި މިހާރު އޮތް ޒުވާން އާބާދީ ކުރިއަށް އޮތް 30 އަހަރުގެ ތެރޭގައި މުސްކުޅިވަމުންދާއިރު، އުފަންވާ ނިސްބަތް ދަށަށް ދާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ދަތިކަމާއި، ވަރި ގިނަވުން ފަދަ އިޖުތިމާޢީ މައްސަލަތައް ހިމެނެއެވެ.