ޚަބަރު
ގިނަ ބިދޭސީން ބަލައި ފާސްކޮށް، 13 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިޔަށް ގެންދިޔަ ރެއިޑު އޮޕަރޭޝަންގެ ތެރެއިން / ފޮޓޯ: އިމިގްރޭޝަން
426 ބިދޭސީން ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅުނު 13 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެ އިދާރާގެ ބެލުމުގެ ދަށަށް މި ބިދޭސީން ގެންގޮސްފައި ވަނީ، ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް، ހުކުރު ދުވަހު މާލެ ސަރަހައްދުގައި ކުރިއަށްގެންދިޔަ ރެއިޑު އޮޕަރޭޝަނެއްގައި ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
The Task Force conducted a raid yesterday in Male' area. A total of 426 expatriates were inspected, and 13 expatriates found working illegally were detained.@PoliceMv @HomeMinistrymv pic.twitter.com/LkkyM1rhig
— Maldives Immigration (@ImmigrationMV) September 4, 2026
ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަނުން ގުޅިގެން ދަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން ހިންގޭ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން، މިހާތަނަށް ދެ ލައްކައަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކުރެވިފައެވެ. މި އޮޕަރޭޝަނަކީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ފިންގަރޕްރިންޓާއި ފޮޓޯ ފަދަ ބަޔޮމެޓްރިކް މައުލޫމާތުތައް ނަގައި، އެމީހުންގެ އަސްލު ވަނަވަރު ދެނެގަތުމަށްޓަކައި ހިންގާ ހާއްސަ އޮޕަރޭޝަނެކެވެ.
މީގެއިތުރުން، މި މައްސަލަ ހައްލުކުރުމުގެ ބޭނުމުގައި "މައިގްރޭޝަން މޮނީޓަރިންގް އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް" (އެމްއެމްސީޕީ) ވެސް ކުރިޔަށް ގެންދެއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ހާލަތު ބަލައި، އެމީހުންނަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމާއެކު، އެމީހުން ދިރިއުޅެމުންދަނީ ގާނޫނީ އިމުގެ ތެރޭގައިތޯ ކަށަވަރުކުރުމެވެ. މި މަސައްކަތުގެ ދަށުން މާލެ ސަރަހައްދު ޕެޓްރޯލްކުރުމާއި، ގިނަ އަދަދަކަށް ބިދޭސީން އެއްވެ އުޅޭ ތަންތަން ފާސްކުރުމުގެ ހަރަކާތްތައް ވަނީ ރޭވިފައެވެ.
ސަރުކާރުން މި މައްސަލައަށް ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ކަމާބެހޭ އިދާރާތަކަށް މައުލޫމާތު ނުދީ ފޮރުވިގެން އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއްނެތި އަނބުރާ ގައުމަށް ފޮނުވާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުރިން ހާމަކުރައްވާފައެވެ.