ޚަބަރު
ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ހާއްސަ ހިނގާލުން ބާއްވައިފި
ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ހާއްސަ ހިނގާލުން. ފޮޓޯ: ފުލުހުން
ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އެއްބައިވަންތަކަމުގެ ހާއްސަ ހިނގާލުން މާލެއާއި އަތޮޅުތަކުގެ އެކި ރަށްރަށުގައި ބާއްވައިފިއެވެ.
މި ހަރަކާތްތަކުގެ ތެރެއިން މާލެ ސަރަހައްދުގައި މަސައްކަތްކުރާ ފުލުހުންގެ ހިނގާލުން މިއަދު ހެނދުނު 6:00 ޖެހިއިރު ފަށާފައިވަނީ މާލެވަށާ ހިނގާގޮތަށެވެ. ޖުމްހޫރީ މައިދާނުން ފެށުނު މި ހިނގާލުމުގައި، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މީގެއިތުރުން، އެކި ރޭންކުތަކުގެ ގިނަ އަދަދެއްގެ ފުލުހުންނާއި، ފުލުހުންގެ ޚިދުމުގެ އާއްމު މުވައްޒަފުން ހިމެނޭހެން 1000 އަށްވުރެ ގިނަ ފަރާތުން މި ހިނގާލުމުގައި ބައިވެރިވިއެވެ. އަދި އަތޮޅުތަކުގެ އެކި ރަށްރަށުގައި ބޭއްވި ހިނގާލުންތަކުގައި ވެސް އެ ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ ފުލުހުންނާއި އިދާރީ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
ފުލުހުންގެ މެދުގައިވާ އެކުވެރިކަމާއި ބަދަހިކަން ދައްކުވައިދިން މި ހިނގާލުމަކީ، 1 ސެޕްޓެމްބަރު 2004 ގައި ދިވެހި ފުލުހުންގެ ޚިދުމަތް ވަކި މަދަނީ މުއައްސަސާއެއްގެ ގޮތުގައި ހަމަޖެހުނު ފަހުން 22 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދިޔަ ހިނގާލުމެކެވެ.
ފުލުހުންގެ ދުވަހުގެ މުނާސަބަތުގައި ރޭވިފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ ހަވީރު މިއަދު ހަވީރު ސޯޝަލް ސެންޓަރު ސަރަހައްދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން "ޕޮލިސް ފެމިލީ ނައިޓް" ގެ ނަމުގައި ކުރިއަށްގެންދާ ހާއްސަ ހަފްލާ މިރޭ ސޯޝަލް ސެންޓަރުގައި އޮންނާނެއެވެ.