ޚަބަރު
ތ. ގުރައިދޫ މަގުހެދުމުގެ 15 އިންސައްތަ ނިމިއްޖެ
މި މަޝްރޫއުގެ ތެރެއިން. ފޮޓޯ: ވުޒާރާ
ތ. ގުރައިދޫ މަގުހެދުމުގެ މަޝްރޫއުގެ 15 އިންސައްތަ ނިމިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ މަގުތަކުގައި ކޭބަލް ޖަންކްޝަންތައް ކާސްޓްކުރުމުގެ މަސައްކަތް ކަމަށެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ޖުމްލަ 2.86 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި މަގުބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ. ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
ތ. ގުރައިދޫ މަގު ހެދުމުގެ މަޝްރޫޢު pic.twitter.com/bY4xcLbjy0
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) September 3, 2026
ސަރުކާރުގެ ބަޖެޓުން 69.229 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު ގުރައިދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިފްތިތާހުކޮށްދެއްވި މަޝްރޫޢެކެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި އާރްޑީސީއާއެކު ސޮއިކޮށްފައިވަނީ 7 އޮގަސްޓް 2025 ގައެވެ. މި މަޝްރޫޢުގެ ދަށުން ގުރައިދޫގެ 10 މަގެއްގައި ތާރުއަޅައިގެން ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އާރްޑީސީން ވިދާޅުވި ގޮތުގައި މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 730 ދުވަހުގެ މުއްދަތެކެވެ.
މި މަޝްރޫޢު ނިމުމުން ގުރައިދޫގެ މަގުތަކުގައި ވާރޭވެހޭ ދުވަސްވަރު ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، ދަތުރުފަތުރު ކުރުމުގައި ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.