ޚަބަރު
މިދިޔަ މަހު ފުލުހުންނަށް ހާހަކަށް ވުރެ ގިނަ މައްސަލަ ހުށަހެޅި
ދިވެހި ފުލުހުން ޓްރެފިކް ބެލެހެއްޓުމުގައި---
މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި 1000 އަށް ވުރެ ގިނަ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓްކޮށްފައިވާ ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފުލުހުންނަށް ހުށަހެޅުނު ކުށުގެ މައްސަލަތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން ނިމިދިޔަ އޮގަސްޓު މަހު އެކަނިވެސް ޖުމްލަ 1091 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.
މިދިޔަ މަހު ރިޕޯޓްކުރި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކެވެ. ހުށަހެޅުނު ޖުމްލަ މައްސަލަތަކުގެ 31.3 އިންސައްތައަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެވެ.
އޮގަސްޓު މަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ތަފްޞީލު:
- މަސްތުވާތަކެއްޗާ ގުޅޭ: 341 މައްސަލަ
- ވައްކަމުގެ: 257 މައްސަލަ
- ޓްރެފިކް އެކްސިޑެންޓްތަކުގެ: 210 މައްސަލަ
- އެއްޗެތި ގެއްލިގެން: 88 މައްސަލަ
- މުދަލަށް ގެއްލުން ދިނުމުގެ: 65 މައްސަލަ
- މާރާމާރީގެ: 42 މައްސަލަ
- ޖިންސީ ކުށުގެ: 27 މައްސަލަ
- ގެވެށި އަނިޔާގެ: 24 މައްސަލަ
- ޚިޔާނާތްތެރިވުމުގެ: 17 މައްސަލަ
- ފޯޖް ކުރުމުގެ: 11 މައްސަލަ
- ފޭރުމުގެ: 9 މައްސަލަ
ފުލުހުންގެ ރެކޯޑުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ޖުމްލަ 8566 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މުޅި އަހަރުގެ މިހާތަނަށް ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު ނިސްބަތުން އެންމެ ގިނައީ ވައްކަމާއި މަގުމަތީގެ އެކްސިޑެންޓްތަކެވެ. އެގޮތުން ވައްކަމުގެ 2351 މައްސަލައަކާއި، އެކްސިޑެންޓްތަކާ ގުޅޭ 2042 މައްސަލައިގެ އިތުރުން މަސްތުވާތަކެތީގެ 1844 މައްސަލައެއް މިއަހަރު ވަނީ ރިޕޯޓުކޮށްފައެވެ.
ރާއްޖެއަކީ ކުށްމަދު، އަމާން އަދި ރައްކާތެރި ވެށްޓަކަށް ހެދުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ މެދުކެނޑުމެއްނެތި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އެންމެ ގިނައިން ރިޕޯޓްކުރެވޭ ކުށްތަކުން ރައްކާތެރިވުމަށް އާންމުން ހޭލުންތެރިކުރުވުމަށާއި، މަގުމަތީގެ ސަލާމަތާއި ޓްރެފިކް ޤަވާއިދުތަކަށް އަހުލުވެރިކުރުމުގެ ގޮތުން ޚާއްޞަ ޕްރޮގްރާމްތަކާއި ހަރަކާތްތައް މާލެއާއި އަތޮޅުތަކުގައި ފުލުހުން އަންނަނީ ހިންގަމުންނެވެ.