ޚަބަރު
ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި
ރަށެއްގައި ޤާއިމްކޮށްފައިވާ ފުލުސް އޮފީހެއް / ފޮޓޯ: ޕީއެސްއެމް
ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 ސެޕްޓެމްބަރު 4 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 42 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލަ ރިޕޯޓުކުރި ދުވަހުއެވެ.
ފުލުހުންގެ އިދާރާއިން މިހާރު ގެންދަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އިތުރަށް ތަހުގީގު ކުރަމުންނެވެ.
މީގެ އިތުރުން، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މިފަދަ އެހެން މައްސަލައެއްވެސް މި މަހު ފެންމަތިވެފައި ވެއެވެ. އެގޮތުން، އަޕަރ ސައުތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި، އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 41 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ 2026 ސެޕްޓެންބަރު 3 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކޮށްފައެވެ.
ކުޑަކުދިންނަށް ކުރާ މިފަދަ އަނިޔާތަކާއި ޖިންސީ ގޯނާގެ މައްސަލަތަކަކީ ފުލުހުން ވަރަށް ޚާއްސަ އިސްކަމެއް ދީގެން ބަލަމުން އަންނަ މައްސަލަތަކެކެވެ.