ޚަބަރު
ފުލުހުން ބާއްވާ "ބްލޫސް ފެމެލީ ނައިޓް"ގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި
ޝޯއެއްގެ ތެރެއިން. ފޮޓޯ: ފުލުހުން
ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ "ބްލޫސް ފެމެލީ ނައިޓް" ގައި ބައިވެރިވުމުގެ ފުރުސަތު އާއްމުނަށް ހުޅުވާލައިފިއެވެ.
މިކަން ހާމަކުރައްވަމުން ފުލުހުން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚދުމަތް މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ހިނގަމުން އަންނަތާ 22 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ "ބްލޫސް ފެމެލީ ނައިޓް" މިރޭ ސޯޝަލް ސެންޓަރުގައި އޮންނާނެ ކަމަށެވެ. އަދި މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުރިހާ ރައްޔިތުންނަށް ހުޅުވާލާފައިވާ ކަމަށް ވިދާޅުވިއެވެ.
މި ހަރަކާތް ކުރިއަށްދާނީ މިރޭ 8:30 އިން 11:00 އަށް ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މި ހަރަކާތުގައި ލައިވް އެންޓަޓެއިންމަންޓާއި، ސަގާފީ ހަރަކާތްތަކާއި، މިއުޒިކާއި، ނެށުމުގެ އިތުރުން ފުލުހުންގެ އެކި ބަހާތަކާއި އެކި ފަންނާނުން ތައްޔާރުކޮށްފައިވާ ހާއްސަ އައިޓަމްތައް ފެނިގެންދާނެ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި ހަރަކާތުގައި މަޝްހޫރު ފަންނާނު ބާރަށު ޝިޔާމްގެ ހުށަހެޅުންތަކާއި، ހަބޭސް ބޮޑުބެރު ގްރޫޕްގެ އައިޓަމްތައް ހިމެނޭ ކަމަށާއި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ ސްޓޫޑެންޓް ޔޫނިއަންގެ ޑާންސް އަދި ބޮޑުބެރު ގްރޫޕްގެ ހުށަހެޅުންތަކާއި، މަޖާ ކޮމެޑީ އައިޓަމްތައް ވެސް ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތުން 14 އައިޓަމެއް ފެނިގެންދާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ސްޓޭޖް މަތީގެއެކި އައިޓަމްތަކާ އެކު، ފުލުހުންގެ މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކުގެ އިތުރުން އާންމުންނަށް ވެސް ހިތްހަމަޖެހޭ މާހައުލެއްގައި މަޖާ ވަގުތުކޮޅެއް ހޭދަކުރުމުގެ މަގުފަހިކުރުމަށްޓަކައި، މި ހަރަކާތް ކުރިއަށްދާ ތަނުގައި ކާބޯތަކެތީގެ ތަފާތު ސްޓޯލްތައް ހުންނާނެ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
"ބްލޫސް ފެމެލީ ނައިޓް" ގެ މައިގަނޑު މަގުސަދަކީ ފުލުހުންނާއި އެ ފަރާތްތަކުގެ އާއިލާތަކުގެ މެދުގައި އަދި އާންމު ރައްޔިތުންނާ ދެމެދު އޮންނަ އެކުވެރިކަމާއި ގުޅުން އިތުރަށް ބަދަހިކޮށް، އުފާވެރި މާހައުލެއްގައި ބައްދަލުވެލުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް ފުލުހުން ވިދާޅުވެއެވެ.