Ads by Farudhun

ޚަބަރު

ޤަވާއިދާ ޚިލާފަށް "އަދަދު" ގެ ނޫސްވެރިއަކު ޕީއެސްއެމްއަށް ވަނުމުން ނޫސްވެރިންގެ ބައްދަލުވުން ލަސްކޮށްފި

ޤަވާއިދާ ޚިލާފަށް "އަދަދު" ގެ ނޫސްވެރިއަކު ޕީއެސްއެމްއަށް ވަނުމުން ނޫސްވެރިންގެ ބައްދަލުވުން ލަސްކޮށްފި

"ޕްރެސަރ ވިތު ދަ ސްޕޮކްސް" ގެ އެޕިސޯޑެއްގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

05 ސެޕްޓެމްބަރު 2026، 05:12

05 ސެޕްޓެމްބަރު 2026، 05:12

ދައުވަތު ނުދެނީސް ޤަވާއިދާ ޚިލާފަށް "އަދަދު" ނޫހުގެ ނޫސްވެރިއަކު ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ އިމާރާތަށް ވަދެ، ނޫސްވެރިންނާ ބައްދަލުކުރަން ހަމަޖެހިފައި އޮތް ކޮޓަރިން ނުކުތުމަށް ދެކޮޅު ހެދުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުން ލަސްކޮށްފިއެވެ.

މިއަދު ޓީވީ މޯލްޑިވްސްގައި ބޭއްވުމަށް ހަމަޖެހިފައި އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފު ސިލްސިލާކޮށް ބާއްވަވަމުން ގެންދަވާ "ޕްރެސަރ ވިތު ދަ ސްޕޮކްސް" ގެ އެޕިސޯޑެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ މިފަދަ ނޫސްވެރިންގެ ބައްދަލުވުންތަކަށް ވަދެވެނީ ދައުވަތު ދީފައިވާ މީޑިއާތަކަށް އެކަންޏެވެ. ނަމަވެސް މިއަދުގެ ބައްދަލުވުމަށް ދައުވަތު ދިން މީޑިއާތަކުގެ ތެރޭގައި "އަދަދު" ނޫސް ހިމެނިފައެއް ނުވެއެވެ. ދައުވަތު ނެތް ނަމަވެސް، އެ ނޫހުގެ ނޫސްވެރިޔަކު ވަނީ ބައްދަލުވުން ބާއްވާ ކޮޓަރިއަށް ޤަވާއިދާ ޚިލާފަށް ވަދެފައެވެ.

މިކަމާ ގުޅޭގޮތުން ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފު ވިދާޅުވީ، "އަދަދު" ނޫހުގެ ނޫސްވެރިޔާ މަސައްކަތް ކުރަމުން ދަނީ "ޑްރާމާ" ކުޅެން ކަމަށެވެ. އަދި އެ ބޭފުޅުންނަކީ މީޑިއާގެ ތޮފި އަޅައިގެން ތިބެ، އެހެން މަސައްކަތްތަކެއް ކުރަމުންދާ ބައެއް ކަމަށް ވެސް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވީ، ގައިރު ޤާނޫނީ އަމަލުތަކެއް "އަދަދު" ނޫހުން ރައީސް އޮފީހުގައި ހިންގާފައިވާތީ އާއި އަދި އެ ނޫހާ ގުޅޭ ޖިނާއީ މައްސަލަތަކެއް ބަލަމުންދާތީ، އެ މައްސަލަތައް ނިމެންދެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ބައްދަލުވުންތަކަށް ދައުވަތު ދޭ ނޫސްތަކުގެ ލިސްޓުން "އަދަދު" ނޫސް އުނިކޮށްފައިވާ ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ނުގެންގޮސް ލަސްކުރަން ޖެހުނީ، އެތަނުން ނުކުތުމަށް އެންގުމުން ވެސް "އަދަދު" ނޫހުގެ ނޫސްވެރިޔާ އެތަން ދޫކޮށް ދާން ދެކޮޅު ހެދުމުން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ތަރުޖަމާނު ވިދާޅުވީ، މި ޕްރެސް ކޮންފަރެންސް ދެން ބާއްވާނެ ތާރީޚެއް ފަހުން މީޑިއާތަކަށް އަންގަވާނެ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450