ޚަބަރު
4 ވަޒީރެއްގެ ހާއްސަ މެސެޖުތަކެއް ޝުޖާއު ޔާމީނަށް ރައްދުކޮށްދެއްވައިފި
ބާރަށު އެމްޕީ ޝުޖާއު ޖަގަ ޖަލްސާގައި ވާހަކަ ދަައްކަވަނީ - ފޮޓޯ: ދަ ސްޓޭންޑަޑް
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި، ސަރުކާރުގެ ހަތަރު ވަޒީރެއްގެ ފަރާތްޕުޅުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހާއްސަ މެސެޖުތަކެއް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ރައްދުކޯށްދެއްވައިފިއެވެ.
ޕީއެންސީގެ ހަރުގޭގައި އޮތް މި ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު އެންމެ ފުރަތަމަ ހިއްސާކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ މެސެޖެކެވެ. ޝުޖާއު ވިދާޅުވި ގޮތުގައި، ގައިގައި ރިއްސާތީ އުނގުޅާ ތެޔޮފުޅިއެއްގެ އަގު މިހާރު ހުރީ 19.50 ރުފިޔާއަށް ކަމަށާއި، އަންގާރަ ދުވަހާ ހިސާބަށް ދާއިރު އެ އަގު 18 ރުފިޔާއަށް ތިރިވާނެ ކަމަށް ޔާމީނަށް ދެންނެވުމަށް ސައީދު އެދިވަޑައިގެންނެވި ކަމަށެވެ. އަދި މިއީ ކައްކާ ތެލުގެ ވާހަކަ ނޫންކަމަށާއި، މި ތެލަކީ ރައީސް ޔާމީނަށް ހާއްސަ ތެލެއް ކަމަށް ވިދާޅުވެފައެވެ.
"ޔާމީނަށް ދަންނަވާށޭ ތެޔޮ ފުޅިއެއްގެ އަގު ހުރީ 19ރ. އަށޭ. މިއީ ކައްކާ ތެލުގެ ވާހަކައެއް ނޫނޭ. ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނޭ، މިއީ ތަދުވާތީ ތަންތަނުގައި ދަމަން ގެންގުޅޭ ތެލޭ، މިވަގުތު ހުރީ 19.50ރ. އަދި ދަންނަވާލައްޗޭ އަންގާރަ ހިސާބުގައި އެ ތެޔޮ 18ރ. އަށް ލިބޭނެ. އެއީ ރަައީސް ޔާމީނަށް ހާއްސަކޮށްފައި އޮތް ތެލެކޭ،".
ސައީދު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަތައް ހިއްސާ ކުރައްވަމުން ޝުޖާއު ވިދާޅުވިއެވެ.
މީގެއިތުރުން، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ދެއްވި މެސެޖު ހިއްސާކުރައްވަމުން ޝުޖާއު ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވި ވަގުތު މަސްވެރިކަމުގެ ސިނާއަތަކީ ފުނޑިފައިވާ ދާއިރާއެއް ކަމަށާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އެ ސިނާއަތް ކޮޅަށް ނުޖެހޭނެ ކަމަށް ޔާމީން ވިދާޅުވި ކަމަށެވެ. ނަމަވެސް، ކުރީގެ އެމްޑީޕީ ސަރުކާރުން މަސްވެރިންނަށް ނުދައްކާ ހުރި ހުރިހާ ފައިސާއެއް މި ސަރުކާރުން ދައްކާ ހަލާސްކޮށްފައިވާ ކަމަށާއި، މަސް މިސަރުކާރުން ގަންނަމުން ދަނީ ކިލޯއެއް 21 ރުފިޔާއަށް ކަމަށް ވަޒީރު ވިދާޅުވި ކަމަށެވެ. އަދި މިހާރު ސީވީޑް އެކްސްޕޯޓްކޮށްގެން ޑޮލަރުން އާމްދަނީ ހޯދަމުންދާ ކަމަށާއި، މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުންދާކަން ޔާމީނަށް ހަނދާންކޮށްދިނުމަށް ޝިޔާމް އެދިވަޑައިގެންނެވި ކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.
"ރައީސް ޔާމީނަށް ދަންނަވާށޭ މެސެޖެއް. ޝިޔާމް ވިދާޅުވީ، މިވެރިކަން އައުމާއި އެކީގައި އެމަނިކުފާނު ވަޒީރުކަމާ ހަވާލުވީމަ ރައީސް ޔާމީން ވިދާޅުވިވޭ، ފުނޑިފައި އޮތް އިންޑަސްޓްރީއެކޭ، ރައީސް މުއިއްޒަކަށް ތި އިންޑަސްޓްރީއެއް ނަގައި ކޮޮޅަކަށް ނުޖެހޭނެއޭ. ޝިޔާމް ވިދާޅުވީ، ރައީސް ޔާމީނަށް ދަންނަވާށޭ، އެމްޑީޕީ ސަރުކަރު ނިމުނުއިރު ނުދައްކާ އޮތް ހުރިހާ ފައިސާއެއް ރައީސް މުއިއްޒު ދައްކައިފިޔޭ، އަދި ވިދާޅުވީ، މިހާރު ސީވީޑް އެކްސްޕޯޓް ކުރަމޭ. ޑޮލަރުންނޭ އާމްދަނީ. ދެން ވިދާޅުވީ، ގަނެވޭ ވަރަށޭ، މަސް ގަންނަން ރައީސް މުއިއްޒު ފެއްޓެވީ،".
ޝުޖާއު ވިދާޅުވިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންގެ މެސެޖާ ގުޅޭގޮތުން ޝުޖާއު ވިދާޅުވީ، ރާއްޖެއަށް އިތުރު ވައިޑް ބޮޑީ މަތިންދާބޯޓު ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ފަތުރުވެރިން ގެނައުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވެވޭނެ ކަމަށެވެ. އަދި ޕެސިފިކް ސަރަހައްދަށް ދަތުރުތައް ފަށާފައިވާކަންވެސް އަމީންގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
"އެހެންވީމަ އެ ވަޒީރުންގެ ވާހަކަ ނިންމާލަފައި، ބްރިޖަށް އަރަނިކޮށް އަމީން ގުޅުއްވައިފި. ގުޅުއްވާފައި ވިދާޅުވީ، އެބައޮތޭ ރައީސް ޔާމީނަށް ދެއްވަން ވީ މެސެޖެއް، ވައިޑް ބޮޑީ އެބަ ގެންނަމޭ، ޓާގެޓަށް އިރާދަކުރެއްވިއްޔާ ޓޫރިޒަމް އެރައިވަލް ރީޗް ވާނެއޭ، ދަންނަވައްޗޭ، ޕެސިފިކަށް ދަތުރު ކުރަން ފަށައިފީމޭ. ނުވެ އޮތް ކަމެއްވީމަ ހަމަ އެވާހަކަ ބުނެލީ،".
ޝުޖާއު ވިދާޅުވިއެވެ
ހަތަރުވަނަ ވަޒީރެއްގެ ގޮތުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ދެއްވި މެސެޖުގައި، މި ސަރުކާރުން މަރަށް މަރު ހިފުމުގެ ހުކުމް ތަންފީޒުކުރުމަށް ތައްޔާރުވަމުންދާ ކަމަށް ވިދާޅުވި ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި މިއީ ކުރީ ސަރުކާރުތަކުން ފިނޑިކަމުން ކުރަން ނުކެރުނު ކަމެއް ކަމަށާއި، ޔާމީންގެ ވެރިކަމުގައި މާލޭގައި ޒުވާނުން މަރަމުން ދިޔަ ފަދަ ހާލަތެއް މިހާރު ތަކުރާރު ނުވާނެ ކަމަށް އިހުސާން ވިދާޅުވި ކަމަށެވެ. މީގެއިތުރުން، އެއްވެސް ވެރިއަކަށް މައި ޕޯޓުގައި ގާއިމުނުކުރެވުނު ސްކޭނަރު، ރައީސް މުޢިއްޒުގެ ވެރިކަމުގެ ދެ މަސްދުވަހުގެ ތެރޭގައި ބަހައްޓައި ނިންމާފައިވާ ކަމަށާއި މަސްތުވާތަކެތި އެތެރެވާ ހުރިހާ ދޮރުތަކެއް ބަންދުކުރައްވާނެ ކަމުގެ ޔަގީންކަން ދާޚިލީ ވަޒީރު ދެއްވި ކަމަށް ޝުޖާއު ވިދާޅުވިއެވެ.
"ރައީސް ޔާމީންގެ ވެެރިކަމުގައި މާލޭގައި މަރަމުން ދިޔަ ޒުވާނުން މިހާރު ނުމަރާނެއޭ. ވިދާޅުވީ، މަސްތުވާތަކެތީގެ ހުރިހާ ދޮރެއް ބަންދު ކުރާނަމޭ. ރައީސް ޔާމީނަށްވެސް ދެން ހުރި އެއްވެސް ވެރިއަކަށްވެސް ރާއްޖޭގެ މައި ޕޯޓުގައި ގާއިމް ނުކުރެވުނު ސްކޭނަރު ރައީސް މުއިއްޒު ދެ މަހެއްހާ ދުވަސް ތެރޭގައި ގާއިމްކޮށްދީ ނިންމައޭ،". އިހުސާން ދެއްކެވި ވާހަކަތަކަށް އިޝާރަތް ކުރައްވައި
ޝުޖާއު ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ޝުޖާއު ވިދާޅުވީ، އެބޭފުޅުން ސިޔާސީ ގޮތުން ތާއީދުކުރައްވަނީ ވަކި މީހެއްގެ މޫނަކަށް ބަލައިގެން ނޫން ކަމަށާއި، އަބަދުވެސް ބަލައިގަންނަނީ ގަބޫލުކުރާ ހަމަތަކާއި އުސޫލުތަކަށް ކަމަށެވެ. އަދި ޕީއެންސީ އަކީ އިހުލާސްތެރިކަމާއެކު ރައްޔިތުން އިސްކޮށްގެން ވެރިކަންކުރާ ޕާޓީއެއް ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ތެދުވެރިކަމާއެކު ރައްޔިތުންގެ ފިކުރާއި ތަރައްގީ އިސްކުރައްވާ ލީޑަރަކަށް ވާތީ އެމަނިކުފާނާއެކު ސާބިތުވެ ތިއްބެވި ކަމަށް ޝުޖާއު ވިދާޅުވިއެވެ.
އަހްމަދު
05/09/2026 22:18
19 ރުފިޔާ މާބޮޑު 15 އަށް ހަދާ ނޫނީ ރައްކާވޭ.