ޚަބަރު
ރާއްޖޭގެ ތާރީޚުގައި ވެސް އެއް ޕާޓީއަކަށް ނުވަންނަހާ ގިނަ މީހުން ޕީއެންސީއަށް ވަދެއްޖެ: ފަލާޙް
އިނގުރައިދޫ ދާއިރާ މެމަބަރު ފަލާހް - ފޮޓޯ: އެމްއެމްޓީވީ
ރާއްޖޭގެ ތާރީޚުގައި ވެސް އެއް ޕާޓީއަކަށް ނުވަންނަހާ ގިނަ މީހުން ޕީއެންސީއަށް ވަދެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މައި ޖަގަހައިގައި ބޭއްވި ޚާއްޞަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފަލާޙް ވިދާޅުވީ، ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ފެހި ޤާނޫނުއަސާސީގެ ދަށުން ސިޔާސީ ޙަރަކާތްތައް ހިންގަން ފެށިފަހުން، މިހާތަނަށް އެއްވެސް ޕާޓީއަކަށް މީހުން ސޮއިނުކުރާ މިންވަރަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ރައްޔިތުން ގުޅެމުންދާ ކަމަށާއި، މިހާރު އެ ޕާޓީގެ މެންބަރުންގެ އަދަދު 77،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށެވެ.
ފަލާޙް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރުގައި ޕީއެންސީގެ މެންބަރުންގެ އަދަދު 67،579 ގައި އޮވެ، ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ މަޤާމު ކަށަވަރުވެފައިވީ ނަމަވެސް، ޕާޓީގެ ޙަޤީޤީ މެންބަރުންގެ އަދަދު މިހާރު ވަނީ 77،000 އަށް އަރާފައި ކަމަށެވެ. މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް ހޯދާފައިނުވާ ފަދަ ބޮޑު ކާމިޔާބީއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ސިޔާސީ އެހެން ޙަރަކާތްތަކަށް އަލިއަޅުއްވާލައްވަމުން ފަލާޙް ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ އުފައްދަވާފައިވާ ޕީއެންއެފްގެ ޙަރަކާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، ކުޑަ ސިޓިންރޫމެއްގައި މަދު ބަޔަކު ބައިވެރިކޮށްގެން ކޮންމެ ރެއަކު ޖަލްސާ ބޭއްވުމަކީ ދަތި ކަމެއް ނޫން ކަމަށާއި، އެހެންނަމަވެސް އެތައް ހާސް ބަޔަކު ހިމެނޭ ބޮޑު ޕާޓީއަކުން ޙަރަކާތްތައް ރާވައި ހިންގުމަށް އެކަށީގެންވާ ވަގުތާއި، ތައްޔާރީތަކެއް ބޭނުންވާނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ކުރީގެ އެމްޑީޕީ ސަރުކާރުގެ ފަސް އަހަރުގައި ރައީސް ޔާމީން ހުންނެވީ ޖަލު ބަންދުގައިކަން ހަނދާންކޮށްދެއްވަމުން ފަލާޙް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ރައްޔިތުން އިތުބާރުކޮށް ވެރިކަން ހަވާލުނުކުރި ނަމަ، މިއަދުވެސް ރައީސް ޔާމީން ދެމިހުންނަވާނީ ޖަލުގައި ކަމަށެވެ. އަދި ސިޔާސީ ގޮތުން ޚިޔާލު ތަފާތުވި ނަމަވެސް ޤައުމުގެ ވެރިކަން ކުރައްވާފައިވާ ބޭފުޅުންނަށް އަދަބު އިޙްތިރާމް އަދާކުރުމުގެ އާދަ އޮންނައިރު، ރައީސް ޔާމީން ގެންދަވަނީ ރައީސް ޑރ. މުޢިއްޒުގެ ނަންފުޅު ބޭނުންކުރެއްވުމަށްވެސް ފަސްޖެހިވަޑައިގެން، އަމިއްލަފުޅު އެދުން ކުރިއަށް ނެރުއްވަމުން ކަމަށް ވިދާޅުވެ ފަލާޙް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.