ޚަބަރު
ރައީސް ޔާމީންގެ ވެރިކަން ނިންމާލީ ރައްޔިތުން ބޭނުންނުވާ އެތައް މައްސަލައެއް އުފެއްދުމަށްފަހު: ފަލާހް
އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު--
ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ނިމިގެންދިޔައިރު ރައްޔިތުން ބޭނުންނުވާ އެތައް މައްސަލައެއް އުފެދިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ޕީއެންސީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ 2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމާއި ހަވާލުވުމަށްފަހު އެތައް މައްސަލަތަކެއް އުފެދިފައިވާ ކަމަށާއި، އެންމެ ބޮޑު އެއް ކަމަކީ ކޮރަޕްޝަން ކަމަށެވެ.
"ވެރިކަމުގެ ފަސް އަހަރު ނިންމާލި އިރު، ރައްޔިތުން ބޭނުން ނުވާ އެތައް މައްސަލަތަކެއް އުފެދިފަ ހުރި. ނަންބަރ ވަން އަކީ ކޮރަޕްޝަން. ރާއްޖޭގެ މަގުތައް އޮތީ ނާމާން ކަމެއްގެ ތެރޭގަ. ދިވެހިރާއްޖޭގަ ތިބި ހުރިހާ ސިޔާސީ ލީޑަރުން ތިބީ ޖަލުގަ".
ފަލާހް ވިދާޅުވިއެވެ.
ފަލާހު ވަނީ، އެއްވެސް ކުށެއްނެތް އެތައް ބަޔަކު ޖަލުގެ ތޭރިތަކުގެ ފަހަތުގައި އާއިލާއާއި ދުރުގައި ތިބެންޖެހުނުކަން ކަމަށާއި، އެމީހުން ހައްޔަރުކޮށްފައި ވަނީ ރައީސް ޔާމީނުގެ އަމިއްލަ އެދުމުގެ މަތިން ކަމަށް ވިދާޅުވެފައެވެ.
މިހާރުގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ އަރިހުގައި އެ ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް އެދި އާދޭސް ކުރައްވާފައި ކަމަށް ފަހާލު ވިދާޅުވިއެވެ. އަދި އެ ބޭފުޅުން ޖަލުގައި ބައިތިއްބަވައިގެން ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވެފައިވާ ކަމަށާއި، ނަމަވެސް ރައީސް ޔާމީން އެ އަޑު އަހާފައިނުވާ ކަމަށް ފަލާހު ވިދާޅުވިއެވެ.
އަދި ފަލާހު ވަނީ، މަޖިލީހުގެ މެންބަރުން ތަޅުއަޅުވާފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވާއިރު، މެންބަރުން ތަޅުއެޅުވީ ކޮން ޒަމާނެއްގައިކަން ބަލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
"މެންބަރުންނަށް އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލުނުވެވޭ ގޮތަށް އެންޓި ޑިފެކްޝަން ޤާނޫނު ފުރަތަމަ ތަސްދީޤު ކުރެއްވީ ރައީސް ޔާމީނު. ޔާމީނުގެ ޒަޢާއްމަތުގައި މަޖިލީހުގެ 12 މެންބަރަކު 2 އަހަރު ދުވަސްވަންދެން، އެއް ދުވަހު ރައްޔިތުންގެ މަޖިލީހުގެ ފާރު ތެރޭން އެ ފަޅިއަށް، އަނެއް ދުވަހު މި ފަޅިއަށް ފުލުހުން ލައްވާ މަސް އުކާހެން އުކައުކާފަ ގެންގުޅުނު. އެ ދުވަހުތޯ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަޅު އެޅުވީ؟ ނަވަތަ މިއަދުތޯ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަޅުއެޅުވީ؟"
ފަލާހް ވިދާޅުވިއެވެ.
ރައީސް ޔާމީނު މިކަމާއި ވިސްނަވަންޖެހިލައްވާ ކަމަށް ފަލާހު ވިދާޅުވިއެވެ.