ޚަބަރު
ޝަރުއީ ދާއިރާއަށް 20 އަހަރު ހިދުމަތް ކުރެއްވުމަށްފަހު ފަނޑިޔާރު މާހިރު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފި
ހައިކޯޓުގެ ފަނޑިޔާރުކަމުން ރިޓަޔަރ ކުރެއްވި މާހިރު
ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އިބްރާހިމް މާހިރު، ޝަރުއީ ދާއިރާގައި ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމަށްފަހު، ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔާ ކުރައްވައިފިއެވެ.
ހައިކޯޓުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ފަނޑިޔާރު އިބްރާހިމް މާހިރު ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން މިއަދު ވަކިވެވަޑައިގެންފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ ދިގު މުއްދަތުގައި ފަނޑިޔާރު މާހިރު ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތައް ފާހަގަކޮށް އެ ކޯޓުން ވަނީ އެމަނިކުފާނަށް ޝުކުރު އަދާކޮށްފައެވެ.
ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އިބްރާހީމް މާހިރު، ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން މިއަދު ވަކިވެވަޑައިގެންފިއެވެ. ފަނޑިޔާރު އަލްއުސްތާޛު އިބްރާހީމް މާހިރު ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ޝުކުރު ދަންނަވަމެވެ pic.twitter.com/lKnHH09LRY
— High Court of Maldives (@mvhighcourt) September 6, 2026
ފަނޑިޔާރު އިބްރާހީމް މާހިރަކީ ޝަރުއީ ދާއިރާއަށް 20 އަހަރަށްވުރެ ދިގު މުއްދަތަކަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު އެންމެ ފުރަތަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނުކުރެއްވީ 2005 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު އޭރުގެ މަދަނީ ކޯޓަށެވެ. އެއަށްފަހު 2010 ވަނަ އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ހިދުމަތް ކުރައްވަން ފެއްޓެވީ ފެމިލީ ކޯޓުގައެވެ. ފެމިލީ ކޯޓުގައި 15 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާއިރު، އެ ކޯޓުގެ އިސް ގާޒީގެ މަގާމު ވެސް ފަނޑިޔާރު މާހިރު ވަނީ ފުރުއްވާފައެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވި މާހިރު، މަގާމުން ރިޓަޔާ ކުރެއްވުމަށް ނިންމަވައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުއްވީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައެވެ.