ޚަބަރު
އެންޑީއެމްއޭއަށް ހުޅުމާލެއިން ދާއިމީ ބިމެއް ހަމަޖައްސައިދީފި
އެންޑީއެމްއޭއިން މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގި ސަރަހައްދުގައި ހަރަކާތްތެރި ވަނީ. ފޮޓޯ: އެންޑީއެމްއޭ
ކާރިސާތަކާއި ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ދައުލަތުގެ މައި އިދާރާ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ސަރުކާރުން އެ އޮތޯރިޓީއާ ދާއިމީ ބިމެއް ހަމަޖައްސަވައިދެއްވައިފިއެވެ.
އެންޑީއެމްއޭއިން އެކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ އިދާރާގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމަށް ޓަކައި ހުޅުމާލެ ފޭސް 2 އިން ސަރުކާރުން ބިމެއް ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި އެއީ 13,574 އަކަފޫޓުގެ ބިމެއް ކަމަށެވެ.
އެ އިދާރާއިން ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިލުންތެރި ސިޔާސަތުގެ ދަށުން ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރުމަށް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި ހާޞިލް ކުރުމަށް ހަމަޖައްސައިދެއްވި ބިމެއް ކަމަށެވެ.
މި ބިމުގައި އެ އިދާރާގެ މައި އޮފީހުގެ އިތުރުން ޒަމާނީ އިމަޖެންސީ އޮޕަރޭޝަން ސެންޓަރަކާއި، ކާރިސާތަކަށް ބޭނުންވާ ސާމާނު ރައްކާކުރާނެ އިމަރޖެންސީ ވެއާހައުސްއެއްގެ އިތުރުން، ކުއްލި ހާލަތްތަކުގައި ހާލުގައި ޖެހޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ޚާއްސަ ފެސިލިޓީއެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
އަދި ހަމަޖެހިގެންދިޔަ މި ބިމާއެކު، ރާއްޖެއަށް ދިމާވާ އެކި ކަހަލަ ކާރިސާތަކާއި ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ޤައުމީ ފެންވަރުގައި އިޖާބަދިނުމުގެ ގާބިލުކަން އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށާއި، އެއާއެކު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ވެސް އެންޑީއެމްއޭއިން ވިދާޅުވިއެވެ.
އެންޑީއެމްއޭގެ މަސައްކަތްތަކަށް ހުޅުމާލެއިން ދާއިމީ ބިމެއް ހަމަޖައްސައިދީފި:
— NDMA Maldives (@NDMAmv) September 6, 2026
ކާރިސާތަކާއި ކުއްލި އެމަރޖެންސީ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ދައުލަތުގެ މައި އިދާރާ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ މަސައްކަތްތަކަށް އިތުރަށް ފުޅާކޮށް ތަރައްޤީ…
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އުފައްދާފައި ވަނީ 30 ޑިސެމްބަރ 2018 ވަނަ ދުވަހުއެވެ. އެ އިދާރާގެ މައިގަނޑު މަގްސަދަކީ، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި، ކާރިސާތަކަށް ތައްޔާރުކަން އިތުރުކުރުމާއި ދިމާވާ ކާރިސާތަކަށް އިޖާބަދިނުމުގެ އެންމެހައި ކަންކަން ރާވާ ހިންގައި ވިލަރެސްކުރާ ސަރުކާރުގެ މައި އިދާރާގެ ގޮތުގައި މަސައްކަތް ކުރުމެވެ.
އެ އޮތޯރިޓީގެ މަސައްކަތްތައް ދާއިމީ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ޓަކައި ބިމެއް ހަމަޖައްސައިދިނުމަށް 2022 ވަނަ އަހަރު ސަރުކާރުން ކަނޑައެޅިއެވެ. އެ ދުވަސްވަރު ދިނުމަށް ނިންމެވީ ކޮވިޑް ފެސިލިޓީ ހިންގި ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލް ކުރިމަތީގައި އޮތް ބިމެވެ. އެހެންނަމަވެސް، 39،000 އަކަފޫޓުގެ އެ ބިން އޭރު ރަސްމީ އުސޫލުން އެ އޮތޯރިޓީގެ ނަމަށް ބަދަލުކުރެވިފައެއް ނުވެއެވެ.