ޚަބަރު
ވަކި ގޮތަކަށް ވަކި ކަމެއް ކުރަން، މިހާރުގެ ރައީސް ޑރ. މުއިއްޒުގެ ފަރާތްޕުޅުން މަޖިލިސް މެންބަރުންނާ ހަމައަކަށް ނާދޭ: ފަލާޙް
އިނގުރައިދޫ ދާއިރާގެ އެމްޕީ ފަލާޙް. ފޮޓޯ: ޕީއެންސީ
ވަކި ގޮތަކަށް ވަކި ކަމެއް ކުރެއްވުމަށް، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ހަމައަށް އެއްވެސް އެންގުމެއް ނާންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަލާހް ވިދާޅުވީ، ރައްޔިތުން އެ މެންބަރަކު އިންތިޚާބު ކުރުމުން ރައްޔިތުންގެ ފަރާތުން ދޭ ނަސޭހަތަކީ އެއިރެއްގައި އޮންނަ ސަރުކާރަކާއި ރައީސުލްޖުމްހޫރިއްޔާއަކާ ގުޅިގެން ގައުމާއި ދާއިރާގެ ތަރައްގީއަށް މަސައްކަތް ކުރުން ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މެންބަރުންނަށް ލައިދޭން އުޅެނީ ސަރުކާރު ނެތިކޮށްލުމުގެ ވިސްނުން ކަމަށާއި ނަމަވެސް މިހާރުގެ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެކަން ނުހިނގާނެ ކަމަށް ފަލާހް ވިދާޅުވިއެވެ.
މީގެއިތުރުން ފަލާހް ވިދާޅުވީ، ރައީސް ޑރ. މުއިއްޒު ކިޔަވާ ވިދާޅުވާ ސިޔާސީ ފޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސް ޔާމީން ވެސް ފިލާވަޅު ނަންގަވަން ޖެހޭ ކަމަށެވެ. "އެ ބޭފުޅާ އެ އިގްތިސާދު ކިޔެވި ދުވަސްވަރާއި، މިހާރުގެ ދުނިޔޭގައި އިގްތިސާދު ހިނގަމުންދާ ގޮތާއި ތަފާތު، އެއިރު ދުނިޔޭގައި ޕޮލިޓިކްސް ހިނގަމުންދިޔަ ގޮތައި، މިހާރު ޕޮލިޓިކް ހިނގަމުންދާ ގޮތް ތަފާތު،" ފަލާހް ވިދާޅުވިއެވެ.
ފަލާހް އިތުރަށް ފާހަގަކުރެއްވި ގޮތުގައި 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ވެރިކަން ކުރެއްވި އެއްވެސް ވެރިއަކަށް ދެވަނަ ދައުރެއް ލިބިވަޑައިގެންފައި ނުވާތީ އެކަމަކީ ޕާޓީތަކުންނާއި ވެރިން ވަރަށް ބޮޑަށް ދިރާސާކުރަން ޖެހޭ ކަމެކެވެ. އަދި 20 ވަނަ މަޖިލީސް ހަލާކުކޮށްލަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރި ނަމަވެސް، ޕީއެންސީގެ މެންބަރުން ތިއްބެވީ ރައީސް މުއިއްޒާއެކު ވަރަށް ސާބިތުކަންމަތީގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.