Ads by Farudhun

ޚަބަރު

"އީފާސް"އާ ގުޅޭ ޚާއްސަ ޕްރޮގްރާމެއް ކުޑަހުވަދޫގައި ބާއްވަނީ

"އީފާސް"އާ ގުޅޭ ޚާއްސަ ޕްރޮގްރާމެއް ކުޑަހުވަދޫގައި ބާއްވަނީ

އީފާސް"އާ ގުޅިގެން ބޭއްވި ހަރަކާތެއް. ފޮޓޯ: ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

06 ސެޕްޓެމްބަރު 2026، 01:17

06 ސެޕްޓެމްބަރު 2026، 01:17

ރާއްޖޭގެ ޑިޖިޓަލް އައިޑެންޓިޓީ "އީފާސް" އާ ގުޅޭގޮތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ދ. ކުޑަހުވަދޫގައި ބޭއްވުމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ. 

މި މަހުގެ 9 ވަނަ ދުވަހު މި ޕްރޮގްރާމް  ބޭއްވުމަށް ހަމަޖެހިފައިވަނީ  ކުޑަހުވަދޫ މަލްޓި ޕާރޕަސް ބިލްޑިންގގެ ލައިބްރަރީ ހޯލްގައި ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. 

މި ޕްރޮގްރާމަކީ، ދާޚިލީ ސަލާމަތާއި، މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވޯލްޑްބޭންކްގެ އެހީގެ ދަށުން ހިންގަމުންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓާއި މޯލްޑިވްސް ޑިޖިޓަލް ސަރވިސް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށްވާއިރު، މިފަހަރުގެ ޕްރޮގްރާމު އަމާޒުކޮށްފައިވަނީ ފ. އަދި ދ.އަތޮޅުގެ ރަށްތަކަށް ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

އެގޮތުން، އެ އަތޮޅުތަކުގެ  ރަށު ކައުންސިލްތަކުގެ ޓެކްނިކަލް މުވައްޒަފުންގެ އިތުރުން އިންތިހާބު ކުރެވިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރަކާއި، ކުޑަހުވަދޫގައި ގާއިމްކޮށްފައިވާ ސަރުކާރުގެ މުއައްސަސާތަކާއި، އޮންލައިން ޚިދުމަތް ދިނުމަށް އީފާސް ބޭނުންކުރާ ވިޔަފާރިތަކާއި، އިޖްތިމާއީ ކަންކަމުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ. 

މި ޕްރޮގްރާމުގެ މަޤްސަދަކީ،  ޑިޖިޓަލް އައިޑެންޓިޓީއެއް ބޭނުންކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި، ޑިޖިޓަލް ސްޕޭސްގައި އައިޑެންޓިޓީ ރައްކާތެރިކުރުމާއި ބެހޭގޮތުން އީފާސް ބޭނުންކުރާ ފަރާތްތައް ހޭލުންތެރިކުރުވުން ކަމަށް ޑީމެޑް ޕްރޮޖެކްޓުން މައުލޫމާތުދެއެވެ. އަދި ހަމައެއާއެކު، އީފާސްއާ ގުޅޭ މައުލޫމާތު ދިނުމާއި، އީފާސް ބޭނުންކުރާއިރު  އާންމުކޮށް ދިމާވާ މައްސަލަތަކާއި، އެކަންކަމަށް ޤާއިމްކޮށްފައިވާ ހައްލުތައް ބުނެދޭނެ ކަމަށާއި، ރަށުފެންވަރުގައި އީފާސްގެ މައުލޫމާތު ފޯރުކޮށްދެވޭނެ ފަރުދުންތަކެއް ވެސް މީގެ ސަބަބުން އުފެއްދިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މި ޕްރޮގްރާމުގެ އިތުރުން، ކުޑަހުވަދޫ ބަނދަރު ސަރަހައްދުގައި ހުންނަ މެހެމާން ސަރާގައި، އީފާސްގެ މޯބައިލް ހެލްޕްޑެސްކެއް ޤާއިމްކޮށް އީފާސް އެކައުންޓް ލޮކްވުމާއި، ފޯނު ނަންބަރު ނުވަތަ އީމެއިލް ބަދަލުވުން ފަދަ އާންމުކޮށް ދިމާވާ މައްސަލަތައް ވަގުތުން ހައްލުކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމަށް ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި މި ހިދުމަތް ހޯއްދެވުމަށް ވަޑައިގަންނަވާއިރު އީފާސް އެކައުންޓްގެ ވެރިފަރާތުން އެފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑު ހިފައިގެން އައުމުން ހިދުމަތް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ. 

މޯލްޑިވްސް ޑިޖިޓަލް ސަރވިސްއިން ބަލަހައްޓަމުންދާ އީފާސް ނިޒާމަކީ ރައްކާތެރިކަން ކަށަވަރުކުރުން މުހިންމު ނިޒާމަކަށްވާތީ، އެއްވެސް ފަރުދަކަށް އީފާސް އެކައުންޓް ބޭނުންކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށްދެނީ އެކައުންޓްގެ ވެރިފަރާތް ކަށަވަރުކުރުމަށްފަހުގައި ކަމަށް ވުޒާރާއިން ވިދާޅުވެއެވެ. 

ޑީމެޑް ޕްރޮޖެކްޓާއި މޯލްޑިވްސް ޑިޖިޓަލް ސަރވިސް ގުޅިގެން ކުރިއަށްގެންދާ "އަތޮޅު ދަތުރު" ޕްރޮގްރާމުގެ ފެށުމުގެ ހަރަކާތް ކާމިޔާބީއާއެކު މިދިޔަ އޯގަސްޓް 19 ގައި ކުޅުދުއްފުށި ސިޓީގައި ވަނީ ބާއްވާފައެވެ.

އީފާސްއަކީ ދިވެހި ސަރުކާރުގެ އެކި މުއައްސަސާތަކުން ދޭ ޑިޖިޓަލް ޚިދުމަތްތަކާއި، ޓާޝަރީ ހޮސްޕިޓަލްތަކުގެ ޚިދުމަތްތަކާއި، އާސަންދަ، ޕެންޝަން، ބޭންކު އަދި އެހެނިހެން މާލީ ޚިދުމަތްތައް އިންލައިންކޮށް ބޭނުންކުރުމަށް ޓަކައި ބޭނުންކުރާ ގައުމީ ޑިޖިޓަލް އައިޑީގެ ނިޒާމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450