ޚަބަރު
ރާއްޖޭގެ ހުރިހާ ފާމަސީއެއްގެ ބޭސް ސްޓޮކް ވަގުތުން ބެލޭނެ ޑިޖިޓަލް ނިޒާމެއް ޤާއިމުކޮށްފި
ސްޓޭޓް ފާމާގެ ބޭސްފިހާރައެއް. ފޮޓޯ: މިހާރު
ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ހުރި ސްޓޭޓް ފާމާގެ ފާމަސީތަކުގައި ހުރި ބޭހުގެ ސްޓޮކް ވަގުތުން ބަލާލެވޭނެ ޑިޖިޓަލް ނިޒާމެއް ދައުލަތުގެ ބޭސް ކުންފުނީގައި ޤާއިމުކޮށްފިއެވެ.
އެކުންފުނިން މިހާރު ދަނީ ރާއްޖެއަށް ބޭނުންވާ ބޭސްތައް ދެމެހެއްޓެނިވި ގޮތެއްގައި މެދުނުކެނޑި ފޯރުކޮށްދިނުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސްޓޭޓް ފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައިވާ ބޭހުގެ މައްސަލަ ހައްލުކުރުމަށް ދިމާވި އެންމެ ބޮޑު އެއް ހުރަހަކީ މާލެއާއި ރަށްރަށުގެ ފާމަސީތަކުގައި ބޭސް ހުރި މިންވަރު ސީދާ އެނގެން ނެތުން ކަމަށެވެ. ނަމަވެސް، މިހާރު ޤާއިމުކުރެވުނު ނިޒާމުގެ ސަބަބުން ކޮންމެ ރަށެއްގެ ބޭސް ފިހާރައިގެ ސްޓޮކްވެސް ވަގުތުން ބެލޭނެ ކަމަށާއި، ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި މި ސްޓޮކް އާންމުންނަށްވެސް ބަލާލެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ބޭސް ލިބޭނެ މަގު ފަހިކުރުމުގެ ގޮތުން، އަހަރަކަށް ބޭނުންވާ ބޭހުގެ އޯޑަރު ދުރާލާ ދިނުމަށްޓަކައި ސްޓޮކް ދެނެގަނެ، ބޭސް އެތެރެކުރުމަށް މިހާތަނަށް 3 ކުންފުންޏަކާއެކު އެއްބަސްވުން ވަނީ ޤާއިމުކޮށްފައެވެ. އަދި އިތުރު ކުންފުނިތަކާއެކު އެއްބަސްވުންތައް ހެދުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މީގެއިތުރުން ބޭސް ރައްކާކުރާނެ ސްޓޯރޭޖްތައް ހެދުމާއި، ހޮސްޕިޓަލުތަކުގައި ފާމަސީތައް ޤާއިމުކުރުމުގެ އިތުރުން މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެކުންފުނިން މަޢުލޫމާތު ދެއެވެ.
ސްޓޭޓް ފާމާއިން ހާމަކުރި ގޮތުގައި، ބޭސް ސިޓީއެއްގައިވާ ބޭހެއް ވަކި ފާމަސީއަކުން ލިބެން ނެތްނަމަ އެ ބޭސް ލިބެން ހުރި އެހެން ފާމަސީއެއްގެ މަޢުލޫމާތު ބަލިމީހާއަށް ފޯރުކޮށްދޭނެއެވެ. އަދި ރާއްޖެއިން އެއްކޮށް ހުސްވެފައިވާ ބޭހެއްނަމަ، އެ ފާމަސީއަކުން ވީއެންމެ އަވަހަކަށް ބޭސް ސިޓީއަށް އޯޑަރު ކޮށްދިނުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. މީގެއިތުރުން ބޭހާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް 24 ގަޑިއިރު ޚިދުމަތްދޭ 1505 ހޮޓްލައިނެއްވެސް މިހާރު ވަނީ ޤާއިމުކޮށްފައެވެ.
ކުންފުންޏަށް އަހަރެއްވާން ގާތްވެފައިވާއިރު، މިހާރު ކުރިއަށްދާ މަސައްކަތްތަކާއެކު ރާއްޖެއަށް ދިމާވެފައިވާ ބޭހުގެ މައްސަލައަށް އެދެވޭ ހެޔޮ ބަދަލެއް އަންނަ އަހަރުގެ މެދުތެރޭގައި ފެންނާނެ ކަމަށް އެކުންފުނިން ލަފާކުރެއެވެ.