ޚަބަރު
އާރްޑީސީގެ މަޝްރޫއުތައް ހިންގުމަށް 3 ރަށަކަށް ސާމާނު ފޮނުވައިފި
މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތް. ފޮޓޯ: އާރްޑީސީ
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ހިންމުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތުގެ ދަށުން 3 ރަށަކަށް ސާމާނު ފޮނުވާފައިވާ ކަމަށް ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ކުންފުނިން ވިދާޅުވީ، ސާމާނު ފޮނުވާފައި ވަނީ، ހއ. ފިއްލަދޫ އަދި ހއ. ކެލާ އަދި އދ. ހަންޏާމީދޫއަށް ކަމަށެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން، ހއ. ފިއްލަދޫ އަދި ހއ. ކެލާގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.#TeamRDC pic.twitter.com/AqUVZQCfa9
— Road Development Corporation Ltd (@rdcmaldives) September 5, 2026
ހއ. ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ ވޭތުވެދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މި މަޝްރޫއުގެ ތެރެއިން އެ ރަށުގެ މައި މަގުތަކުގައި ތާރުއެޅުމާއި، ފެންބޮޑުވުން ހައްލުކުރުމަށް ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުތަކުގައި ބައްތި ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ. މިއީ ފިއްލަދޫގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން އެދިއެދި ތިބި، ރަށުގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ނުހަނު ބޭނުންތެރި މުހިންމު މަޝްރޫއެކެވެ.
މީގެއިތުރުން، ހއ. ކެލާގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ މައި މަގުތައް ހިމެނޭ ގޮތަށް ޖުމްލަ 3.9 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމަށް ވަނީ ރޭވިފައެވެ. އަދި މަގުތަކުގައި ފެންބޮޑުވުން ހައްލުކުރުމަށް ފެންހިންދާ ނިޒާމު ގާއިމުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި ކެލާ މަގު ހެދުމުގެ މި މަސައްކަތަށް 99 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަވާނެއެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން، އދ. ހަންޏާމީދޫގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.#TeamRDC pic.twitter.com/Uthce2w3DF
— Road Development Corporation Ltd (@rdcmaldives) September 5, 2026
އދ. ހަންޏާމީދޫގައި ވެސް ސަރުކާރުގެ ފަރާތުން ތަރައްގީގެ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރިއަށް ގެންދެއެވެ. މިގޮތުން އެ ރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމުކުރުމާއި، ވޮލީކޯޓެއް ތައްޔާރުކުރުމުގެ އިތުރުން ޕޮލިސް ޕޯސްޓް އިމާރާތުގެ މަސައްކަތް ވެސް ހަލުވި ދުވެލީގައި ކުރިއަށް އެބަދެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ރާއްޖޭގެ އެކި ރަށްރަށުގައި އަސާސީ އަދި އުމްރާނީ ތަރައްގީގެ މުހިންމު މަސައްކަތްތަކެއް ކުރިއަށް ގެންދާއިރު، މި މަޝްރޫއުތައް ހުއްޓުމެއް ނެތި ހަލުވި ދުވެއްޔެއްގައި ނިންމުމަށްޓަކައި އާރުޑީސީން ދަނީ ފާހަގަކޮށްލެވޭ ބޮޑު ދައުރެއް އަދާކުރަމުންނެވެ.