ދުނިޔެ
ނަތަންޔާހޫއާ ދެކޮޅަށް ވާހަކަދެއްކި އިސްރާއީލުގެ އެކްޓިވިސްޓެއްގެ މައްޗަށް ޓެރަރިޒަމަށް ހިތްވަރުދިން ކަމުގެ ދައުވާ އުފުލަނީ
ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް ސޯޝަލް މީޑިއާގައި ޚިޔާލުފާޅުކުރި އެކްޓް ވިސްޓެޔޮލާންޑާ ޔާވޯ - ފޮޓޯ: ހާރެޒް
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް ސޯޝަލް މީޑިއާގައި ޚިޔާލުފާޅުކުރި އެކްޓިވިސްޓެއްގެ މައްޗަށް، ޓެރަރިޒަމަށް ހިތްވަރުދިން ކަމުގެ ދައުވާ އުފުލަން ތައްޔާރުވަމުންދާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
އިސްރާއީލުގެ ޗެނަލް 13 އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދައުވާ އުފުލަނީ ތެލް އަވީވް ޔުނިވަރސިޓީގެ ލެކްޗަރަރއެއް ކަމަށްވާ އަދި ސަރުކާރާ ދެކޮޅު ހަރަކާތްތަކުގައި އިސްކޮށް އުޅޭ ޔޮލާންޑާ ޔާވޯގެ މައްޗަށެވެ.
ޔޮލާންޑާ ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އޭނާ ހައްޔަރުކުރީ ފޭސްބުކްގައި ކުރި ޕޯސްޓުތަކެއްގައި، ނަތަންޔާހޫއަކީ "ޚާއިނެއް" ކަމަށް ސިފަކޮށް، އޭނާއާ ދެކޮޅަށް ތެދުވުމަށް އާންމުންނަށް ގޮވާލާފައިވާ މައްސަލައެއްގައެވެ.
ޔޮލާންޑާގެ ވަކީލު އޮޝްރަތު ކިރްމާ ވަނީ އޭނާގެ މައްޗަށް ދައުވާ އުފުލަން ނިންމި ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިއީ އެއްވެސް އަސާސެއް ނެތް "ހެއްވާ" ނިންމުމެއް ކަމަށް ބުނެފައެވެ. އަދި މިއީ ސީދާ ސިޔާސީ މަގުސަދެއްގައި ކުރާ ކަމެއް ކަމަށް ވެސް ވަކީލު ފާހަގަކުރިއެވެ.
ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އުދުވާނާއި، ޔަހޫދީ ސަރުކާރުގެ ނާގާބިލު ސިޔާސަތުތަކާ ގުޅިގެން ނަތަންޔާހޫގެ އިސްތިއުފާއަށް ގޮވާލައި އިސްރާއީލުގެ އެތެރޭގައި ވެސް ސަރުކާރާ ދެކޮޅު އަޑުތައް ދަނީ ވަރަށް ބޮޑަށް ގަދަވަމުންނެވެ. އަދި މިފަދަ ހިޔާލުފާޅުކުރުންތައް ހުއްޓުވުމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ދަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.