ޚަބަރު
ފޯނު ކޯލެއް ބްރޯޑްކާސްޓްކުރާނަމަ އެ ފަރާތަކަށް އަންގަންޖެހޭނެ: މީޑިއާ ކޮމިޝަން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން. ފޮޓޯ: ޕީއެސްއެމް
ފޯނު ކޯލެއް ބްރޯޑްކާސްޓަރުން ލައިވް ކުރާނަމަ އެކަން ގުޅާ ފަރާތްތަކަށް ސާފުކޮށް އަންގަންޖެހޭނެ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވިދާޅުވެއްޖެވެ.
އެ ކޮމިޝަނުން ނެރުއްވި ބަޔާނެއްގައި ވަނީ، ބްރޯޑްކާސްޓަރުންނާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑާއި، އަމަލުކުރަންޖެހޭ ބްރޯޑްކާސްޓްކުރުމުގެ މިންގަނޑުތަކުގައި، އަމިއްލަ ދިރިއުޅުމުގެ ސިއްރު ހިފެހެއްޓުމާއި، އިންޓަވިއުތަކާއި، ރެކޯޑިންގތައް އަދި މައުލޫމާތު އެއްކުރުމާއި ބޭނުންކުރުމާ ގުޅޭގޮތުން ފަންނީ ޒިންމާތަކެއް ކަނޑައެޅިފައިވާ ކަމަށް ވިދާޅުވެފައެވެ.
އެހެންކަމުން، ފޯނު ކޯލަކަށް ޖަވާބުދޭ މުއާމަލާތެއްގައި ބައިވެރިވާ ކޮންމެ މީހަކީ، އެ މުއާމަލާތެއް އާންމުންނަށް ބްރޯޑްކާސްޓްކުރުމަށް އިއުތިރާޒެއް ނެތް ފަރާތެއްކަން ކަށަވަރުކުރަންޖެހޭނެ ކަމަށާއި، އެ ފޯނު މުއާމަލާތެއް ވަގުތުން ބްރޯޑްކާސްޓުކުރުން (ލައިވްކުރަން) ގަސްތުކުރާ ނަމަ، އެއީ ވަގުތުން ލައިވް ކުރެވެމުންދާ ކޯލެއްކަން އެ މީހަކަށް ސާފުކޮށް އަންގަންޖެހޭ ކަމަށް ވެސް މީޑިއާ ކޮމިޝަނުގެ ބަޔާނުގައިވެއެވެ.
އަދި ރުހުން ހޯދުމާއި، އަމިއްލަ ދިރިއުޅުމުގެ ސިއްރު ހިފެހެއްޓުމާއި، ކަރާމާތް ރައްކާތެރިކުރުމާއި، އިންސާފުވެރިކަމާއެކު މުއާމަލާތްކުރުމާއި ގުޅޭގޮތުން ކަނޑައެޅިފައިވާ މިންގަނޑުތަކަށް ބްރޯޑްކާސްޓަރުންނާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންވާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އެހެންކަމުން، މީހަކަށް ނޭނގި ނުވަތަ އެ މީހާގެ ހުއްދައަކާއި ނުލާ ހޯދާފައިވާ ރެކޯޑިންގތަކާއި މައުލޫމާތުތަކާ މެދު ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށާއި، މިފަދަ ތަކެތި ބޭނުންކުރަންވާނީ، ޤާނޫނުތަކާއި، ޤަވާއިދުތަކާއި، ބްރޯޑްކާސްޓަރުންނާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި، ނޫސްވެރިންގެ ސުލޫކީ މިންގަނޑާއި، އެއްގޮތްވާ ގޮތުގެ މަތިންކަން ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.
މީގެ އިތުރުން އެ ކޮމިޝަނުން ވަނީ ބްރޯޑްކާސްޓުކުރުމުގެ މިންގަނޑުތައް ދެމެހެއްޓުމަށާއި، ވަކިވަކި ފަރުދުންގެ އަމިއްލަ ދިރިއުޅުމުގެ ސިއްރުތަކާއި، ކަރާމާތާއި ހައްގުތައް ރައްކާތެެރިކުރުމުގައި ހުރިހާ މީޑިއާ އިދާރާތަކުން އެއްބާރުލުހުން ދިނުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.
މީޑިއާ ކޮމިޝަނުން މިގޮތަށް ބަޔާނެއް ނެރެފައިވަނީ، ދާދިފަހުން ރާއްޖޭގެ ޓީވީއިން ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ގުޅައި އެ ފޯނު ކޯލު ލައިވްކުރިކަމުގެ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.