ޚަބަރު
އެންމެ ފަހުން ދޫކުރި އެޕާޓްމެންޓުތައް ކުއްޔަށް ދޫކުރުމުގެ 11 މައްސަލައެއް ދަނީ ބަލަމުން
އެފްޑީސީ ފްލެޓުތައް / ފޮޓޯ: ޕީއެސްއެމް
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އެންމެ ފަހުން ދޫކުރި ފްލެޓުތަކުގެ ތެރެއިން ބައެއް އެޕާޓްމަންޓުތައް ގަވާއިދާ ޚިލާފަށް ކުއްޔަށް ދީފައިވާ މައްސަލައެއް އެ ކޯޕަރޭޝަނުން ބަލަން ފަށައިފިއެވެ.
އެފްޑީސީން ޕީއެސްއެމް ނިއުސްއާ ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފްލެޓްތަކާ ގުޅިގެން އެކި ކަންކަމުގައި ހުށަހެޅިފައިވާ ޖުމްލަ 44 މައްސަލައެއް އެ ކޯޕަރޭޝަނުން މިހާރު އަންނަނީ ބަލަމުންނެވެ.
ފްލެޓްތައް ކުއްޔަށް ދިން މައްސަލައާ ގުޅިގެން 11 މައްސަލައެއް ބަލަމުންދާއިރު، އޭގެ ތެރެއިން 8 ފަރާތެއްގެ މައްސަލަ އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ. މީގެ ތެރެއިން އެއް މައްސަލަ ބަލާ ނިންމައި އެ ފަރާތް ވަނީ ޖޫރިމަނާކޮށްފައެވެ.
މީގެ އިތުރުން، އެ ސަރަޙައްދުގައި އެންމެ ބޮޑުވެފައިވާ އެއް މައްސަލަ ކަމަށްވާ ކުނި އެޅުމާ ގުޅިގެން 3 މައްސަލައެއްވެސް އެފްޑީސީން އަންނަނީ ބަލަމުންނެވެ. އެ މައްސަލަތަކުގައި ފިޔަވަޅު އަޅާނެކަމަށް އަންގާފައިވާއިރު، އޭގެ ތެރެއިން އެއް މައްސަލަ ބަލައި ނިންމައި އެ ފަރާތް ވަނީ ޖޫރިމަނާކޮށްފައެވެ. އަދި ބާކީ 2 މައްސަލަ މިހާރު ދަނީ ބަލަމުންނެވެ.
އިމާރާތުގެ ސްޓްރަކްޗަރ އަދި އިންޓީރިއާއަށް ބަދަލުގެނައުމަކީ މަނާކަމަކަށްވާއިރު، އިމާރާތަށް ބަދަލު ގެނައުމާ ގުޅޭ 27 މައްސަލައެއް އެފްޑީސީން ދަނީ ބަލަމުންނެވެ. މީގެ ތެރެއިން އެއް ފަރާތެއް ޖޫރިމަނާކޮށް، އަނެއް ފަރާތަށް ނޯޓިސް ފޮނުވާފައިވާއިރު، ބާކީ 25 ފަރާތުގެ މައްސަލަ އަދިވެސް އަންނަނީ ބަލަމުންނެވެ.
ހަމައެއާއެކު، އެފްޑީސީގެ އެންގުންތަކަށް ޢަމަލުނުކުރުމުގެ 2 މައްސަލައަކާއި، އަޑުގަދަވުމުގެ ޝަކުވާއާ ގުޅިގެން ހުށަހެޅިފައިވާ މައްސަލައެއްވެސް އެ ކޯޕަރޭޝަނުން ދަނީ ބަލަމުންނެވެ.
ފްލެޓްތަކުގެ ކުލި ދެއްކުމާ ގުޅޭގޮތުން އެފްޑީސީން މަޢުލޫމާތު ދެއްވި ގޮތުގައި، މަހުން މަހަށް ގަވާއިދުން 3،405 ޔުނިޓުން އަންނަނީ ކުލި ދައްކަމުންނެވެ. ނަމަވެސް، މިހާތަނަށް ދައްކަންޖެހޭ ކުލި ނުދައްކާ ހުރި 509 ޔުނިޓު އެބަހުރި ކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.