Ads by Farudhun

ޚަބަރު

ފޭސް-2 ގައި މުނިފޫހިފިލުވުމުގެ ބައެއް ކަންކަމާ ގުޅޭގޮތުން އާންމުންގެ ހިޔާލަށް ހުޅުވާލައިފި

ފޭސް-2 ގައި މުނިފޫހިފިލުވުމުގެ ބައެއް ކަންކަމާ ގުޅޭގޮތުން އާންމުންގެ ހިޔާލަށް ހުޅުވާލައިފި

ހުޅުމާލެ ފޭސް-2ގެ ބީޗު ސަރަޙައްދު / ފޮޓޯ: އެޗްޑީސީ

farudhun logo

ފަރުދުން

06 ސެޕްޓެމްބަރު 2026، 07:14

06 ސެޕްޓެމްބަރު 2026، 07:14

ހުޅުމާލެ ފޭސް 2 ގެ ބީޗް ސަރަޙައްދުގައި މުނިފޫހިފިލުވުމުގެ ބައެއް ޚާއްޞަ ޚިދުމަތްތައް ޤާއިމުކުރުމާ ގުޅޭގޮތުން ޢާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.

އެޗްޑީސީން ހާމަކުރި ގޮތުގައި މި ފުރުޞަތު ހުޅުވާލާފައިވަނީ ފޭސް 2 ގެ ބީޗް ސަރަޙައްދުގައި ރައްޔިތުންނަށް ރައްކާތެރިކަމާއެކު މޫދަށް އެރެވޭނެ އިންތިޒާމާއި، މަސްބާނަން ގޮސްލެވޭނެ ޚާއްޞަ ސަރަޙައްދެއް ޤާއިމުކުރުމުގެ މަޝްރޫޢާ ގުޅިގެންނެވެ.

މި މަޝްރޫޢުގެ ދަށުން، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީ.އައި.އޭ) ތައްޔާރުކުރުމުގެ މަސައްކަތް އެޗްޑީސީން މިހާރު ދަނީ ކުރަމުންނެވެ. އަދި މި އީ.އައި.އޭ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ ގޮތުން ޢާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޚާއްޞަ އޮންލައިން ސަރވޭ މިހާރު ވަނީ ފަށާފައެވެ.

މި ސަރވޭގެ މައިގަނޑު ބޭނުމަކީ މުނިފޫހިފިލުވުމަށް އެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކުން މިހާރު އެ ގޮނޑުދޮށް ބޭނުންކުރަމުންދާ ގޮތާއި، އެ ސަރަޙައްދުގެ މިހާރުގެ ޙާލަތު ދެނެގަތުމެވެ. އެޗްޑީސީން ބުނީ މި ސަރވޭއިން ލިބޭ މަޢުލޫމާތަކީ އީ.އައި.އޭ ރިޕޯޓްގެ ހުށަހެޅުންތައް އެކުލަވާލުމަށާއި، މުޖުތަމަޢުގެ ބޭނުންތަކަށް ރިޢާޔަތްކޮށް މި މަޝްރޫޢު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ލިބޭނެ ވަރަށް ބޮޑު އެހީއެއް ކަމަށެވެ.

ހުޅުމާލެ ފޭސް 2 ގެ ބީޗް ސަރަޙައްދު ތަރައްޤީކުރުމަށް ހުށަހަޅާފައިވާ ޕްލޭން އެކުލެވިގެންވަނީ މައިގަނޑު ދެ ބައެއްގެ މައްޗަށެވެ. އެއީ:

އާޓިފިޝަލް ސްވިމިންގ ސަރަޙައްދު:  ފްލޯޓިންގ ޕޮންޓޫނަކާއެކު ހަދާ ރައްކާތެރި މޫދަށްއެރޭ ސަރަޙައްދަކާއި، އެއްގަމުގައި އައުޓްޑޯރ ފެންވަރާ ތަނަކާއި، ފަސޭހައިން މޫދަށް ފޭބޭނެ ގޮތަށް ހަދާ ރޭމްޕެއް މި ބައިގައި ހިމެނެއެވެ.
މަސްބާނާ ޕްލެޓްފޯމް:  ކޮންކްރީޓް ޑެކަކާއި، އެ ތަނަށް ދިއުމަށް ޚާއްޞަކުރެވޭ ވޯކްވޭއަކާއި، އަރާމުކޮށްލަން އިށީނދެވޭނެ ހިޔާކޮށްފައިވާ ބެންޗުތަކުގެ އިތުރުން މަސްކަނޑަން ބޭނުންކުރެވޭނެ ޚާއްޞަ ސަރަޙައްދެއް މި ޕްލެޓްފޯމުގައި ހިމެނެއެވެ.
މި މަޝްރޫޢު ފުރިހަމަވެގެން ދިޔުމަކީ ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ރައްޔިތުންނަށް ހިތްފަސޭހަކަމާއި ރައްކާތެރިކަމާއެކު މުނިފޫހިފިލުވުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމެކެވެ. އެޗްޑީސީން ހާމަކުރި ގޮތުގައި ހުޅުމާލެއަކީ އަމާން އަދި ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އެ ކޯޕަރޭޝަނުން މެދުކެނޑުމެއްނެތި ކުރަމުންގެންދާނެއެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ޚިޔާލު ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކަށް https://forms.cloud.microsoft/r/Sq0vzEFdWt  ލިންކް މެދުވެރިކޮށް ސަރވޭ ފުރިހަމަކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450