Ads by Farudhun

ޚަބަރު

ދައުރު ނޫހުގައި ލިޔެފައިވަނީ "ރޯބުހުތާނު ދޮގެއް": ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ދައުރު ނޫހުގައި ލިޔެފައިވަނީ "ރޯބުހުތާނު ދޮގެއް": ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް---

farudhun logo

ފަރުދުން

06 ސެޕްޓެމްބަރު 2026، 07:59

06 ސެޕްޓެމްބަރު 2026، 07:59

ދައުރު ނޫހުގައި 6 ސެޕްޓެމްބަރު 2026 ގައި އަޙްމަދު ނާއިފް ލިޔެފައިވާ "ބުހުތާނު ދޮގެއް: އާމްދަނީގެ %40 މާރުކުރުވަނީ ޓޫރިޒަމާ މަޝްވަރާކޮށްފައި ކަމަށް ބުނުން" މި ސުރުޚީގެ ދަށުން ޝާއިޢުކޮށްފައިވާ ޚަބަރަކީ އަދި ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފްއާ މެދު ކޮށްފައިވާ ތުހުމަތުތަކަކީ "ރޯބުހުތާނު ދޮގެއް" ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ދައުރު ނޫހުގެ ޚަބަރުގައި ތުހުމަތުކޮށްފައިވަނީ، ރިސޯޓްތަކުގެ އާމްދަނީގެ %40 ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ޤާނޫނު ބަދަލުކުރީ ޓޫރިޒަމް ސިނާޢަތުގެ ފަރާތްތަކާ މަޝްވަރާކޮށް ދިރާސާކުރުމަށްފަހު ކަމަށް ޗީފް ސްޕޯކްސްޕާސަން ވިދާޅުވި ވިދާޅުވުމަކީ ދޮގެއް ކަމަށާއި، އަދި ސަރުކާރުގެ މި ނިންމުމަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު "ސަޕްރައިޒެއް" ކަމަށެވެ.

ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިކަން ދޮގުކުރައްވައި ހާމަކުރައްވާފައިވާ ގޮތުގައި، ބޭރު ފައިސާއާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ތަސްދީޤުކުރެއްވުމުގެ ކުރިން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާ އެއް ފަހަރަށްވުރެ ގިނަ ފަހަރު ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އަދި މަޓީގެ އެކި ވެރިންނާ ވަކިވަކިންވެސް މަޝްވަރާތައް ކުރިއަށްގެންގޮސްފައިވެއެވެ.

މި ޤާނޫނުގެ ދަށުން ކެޓެގަރީ 'އޭ' ގެ ޓޫރިޒަމް އެސްޓެބްލިޝްމަންޓްތަކުން މަހަކު ލިބޭ ގްރޮސް ސޭލްސްގެ 40 އިންސައްތަ މާރުކުރަންޖެހޭއިރު، މީގެ ކުރިން އޮތް ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އޮޕްޝަން ވަނީ އުނިކޮށްފައެވެ. އަދި ކެޓެގަރީ 'ބީ' ގެ އެސްޓެބްލިޝްމަންޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ގްރޮސް ސޭލްސްގެ 20 އިންސައްތަ މާރުކުރަންވާނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ.

ރައީސް އޮފީހުން ފާހަގަކުރެއްވި ގޮތުގައި، މި އިޞްލާޙުތަކާ ގުޅިގެން ބޭއްވުނު އެންމެ ފަހުގެ ބައްދަލުވުން ބާއްވާފައިވަނީ ފާއިތުވި އޮގަސްޓް މަހުގެ 23 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މަޓީއަށް ދަޢުވަތު އަރުވައިގެން ބޭއްވި މި ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާނާއި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް ޙަސަން ޒަރީރާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދާއި، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމާއި، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީންގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަޙްމަދު މުނައްވަރު ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން، މި ބައްދަލުވުމުގައި މަޓީގެ ފަރާތުން ވައިސް ޗެއަރމަނާއި، ސެކްރެޓަރީ ޖެނެރަލް އަދި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ހިމެނޭ ގޮތަށް ޖުމުލަ 6 ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށާއި، މި ބައްދަލުވުމުގައި މަޓީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިކަން އެ ޖަމްޢިއްޔާއިން 24 އޮގަސްޓް 2026 ގައި ނެރުނު ނޫސްބަޔާނުންވެސް ސާފުކޮށް އެނގެން އޮތް ކަމަށް ސަރުކާރުން ބަޔާންކުރެއެވެ.

އެހެންކަމުން، މަޓީއާ މަޝްވަރާކޮށްފައި ނުވާކަމަށާއި މިކަމަކީ މަޓީއަށް ކުއްލި ހައިރާންކަމެއް ގެނުވި ކަމެއް ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، ޗީފް ސްޕޯކްސްޕާސަން ހެއްދެވީ ދޮގެއް ކަމަށް ބުނެ ދައުރު ނޫހުގައި ލިޔެފައިވަނީ "ރޯބުހުތާނު ދޮގެއް" ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. އަދި މި ޙަޤީޤަތްތައް ހާމަކުރެއްވީ ބައެއް މީޑިއާތަކަށް މިކަން ސާފުވެފައި ނުވާތީ ހުރިހާ ރައްޔިތުންނާއި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ކަމަށްވެސް އެ އޮފީހުން ބަޔާންކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450