ޚަބަރު
"އިންޖިނިއަރުންގެ އެވޯޑު" ހަފްލާ މި މަހުގެ 10 ވަނަ ދުވަހު ބާއްވަން ނިންމައިފި
އެމްޓީސީސީއިން ހިންގި ސާވޭގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ދޭ "އިންޖިނިއަރުންގެ އެވޯޑު" ދިނުމުގެ ޚާއްޞަ ރަސްމިއްޔާތު މި ހިނގާ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
މި އެވޯޑަކީ އިންޖިނިއަރިންގ ދާއިރާއިން ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ފާހަގަކޮށްލެވޭ ފަދަ ލާމަސީލު ޚިދުމަތްތައް ކުރައްވަމުން ގެންދަވާ އިންޖިނޭރުންގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ. އަދި މިއީ އިންޖިނިއަރިންގ ދާއިރާގެ މަސައްކަތްތެރިންނަށް ޤައުމީ ފެންވަރުގައި ޝަރަފާއި ޤަދަރު ދިނުމަށް އެޅޭ ތާރީޚީ އައު ފިޔަވަޅެކެވެ.
އިންޖިނޭރުން ޤައުމަށް ކޮށްދެއްވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، މި އަހަރުން ފެށިގެން އިންޖިނޭރުންގެ ޤައުމީ އެވޯޑް ސަރުކާރުން ދެއްވަން ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ މިދިޔަ އަހަރު ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ފާހަގަކުރި އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
އިންޖިނޭރުންގެ އެވޯޑުގެ މައިގަނޑު މަޤުޞަދަކީ ދިވެހި އިންޖިނިއަރުންނާއި އިންޖިނިއަރިންގ ދާއިރާގެ އުފެއްދުންތެރިކަމާއި ފަންނުވެރިން ހޯދާ ކާމިޔާބީ ފާހަގަކުރުމެވެ. މީގެއިތުރުން ޤައުމީ ތަރައްޤީގައި އިންޖިނިއަރުންގެ އުފެއްދުންތެރިކަން ފާހަގަކުރުމާއި، މި ދާއިރާއަށް ޒުވާނުން ޝައުޤުވެރިކޮށް، ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރުމަށް ހިތްވަރުދިނުމަކީވެސް މި އެވޯޑުގެ މުހިންމު މަޤުޞަދެކެވެ.
ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ މި އަހަރުގެ އިންޖިނޭރުންގެ އެވޯޑު 10 ގިންތިއަކުން ދިނުމަށް ނިންމައި، އެކަމުގެ އުޞޫލު މިހާރު ޢާންމުކޮށްފައެވެ.
އެވޯޑު ދިނުމަށް ހަމަޖެހިފައިވާ 10 ގިންތި:
- އިންޖިނިއަރ އޮފް ދަ އިޔަރ
- ލައިފްޓައިމް އެޗީވްމަންޓް އެވޯޑު
- ޔަންގް އިންޖިނިއަރ އެވޯޑު
- ވިމެން އިން އިންޖިނިއަރިންގ އެވޯޑު
- އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސަރޗް އެވޯޑު
- ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑު
- އިންޖިނިއަރިންގ ކޮންސަލްޓަންޓް / ކޮންސަލްޓަންސީ ފާރމް އޮފް ދަ އިޔަރ
- ސްޓޫޑަންޓް އިނޮވޭޓަރ އެވޯޑު
- ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު
- ކޮންޓްރެކްޓަރ އޮފް ދަ އިޔަރ އެވޯޑު
މި އެވޯޑުގެ ކެޓަގަރީތަކަށް ރާއްޖޭގައި އިންޖިނިއަރިންގ ދާއިރާއަށް ޚިދުމަތްކުރާ ވަކިވަކި ފަރުދުންނާއި، ޓީމުތަކާއި، ޖަމްޢިއްޔާތަކުގެ އިތުރުން މުއައްސަސާތަކަށްވެސް ނަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި މީގެ ތެރެއިން ޒުވާން އިންޖިނިއަރުންގެ އެވޯޑަށް (ޔަންގް އިންޖިނިއަރ އެވޯޑު) އެދި ކުރިމަތިލެވޭނީ އުމުރުން 30 އަހަރު ނުފުރޭ ފަރާތްތަކަށެވެ.
ޓީމުތަކާއި މަޝްރޫޢުތަކަށް ޚާއްޞަ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ސަރުކާރުގެ އިދާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަމިއްލަ އިންޖިނިއަރިންގ ކުންފުނިތަކާއި ފާމްތަކުގެ އިތުރުން ކޮންޓްރެކްޓަރުންނާއި، ކޮންސަލްޓަންޓުން އަދި މަޝްރޫޢުތައް ހިންގާ ޕްރޮޖެކްޓް ޓީމުތަކާއި ތަޢުލީމީ އަދި ދިރާސާކުރާ ޓީމުތަކަށް ވެސް ވަނީ ލިބިގެން ގޮސްފައެވެ.