ޚަބަރު
3 ވުޒާރާއެއްގައި އަލިފާން ރޯވި މައްސަލައާ ގުޅިގެން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅު ތަހުޤީޤު ކުރަނީ
މި ހާދިސާގެ ތެރެއިން. ފޮޓޯ: އަވަސް
ސަރުކާރުގެ 3 ވުޒާރާއެއްގައި އަލިފާން ރޯވި މައްސަލައާ ގުޅިގެން ކުރީގެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅު ތަހުޤީޤު ކުރެއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ދަންނަވާފައިވާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ 3 ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތައް އަންދައިގެން ގޮސްފައިވާ މައްސަލައާ ގުޅިގެން، ދިވެހި ފުލުހުންނާއި އެކުވެރި ޤައުމުތަކުގެ މިފަދަ ކަންކަން ތަހުޤީގުކުރާ މާހިރުން ކުރެއްވި ތަހުޤީޤުން ހާމަވެފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ ކަރަންޓު ނަރުތަކުގައި ރޯވެގެންނެވެ.
އަދި މި މައްސަލައާއި އުޅިގެން އެއްވެސް މީހަކަށް ޖިނާއީ ތުހުމަތެއް ކުރާނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައިނުވާކަމަށް ފުލުހުން ވަނީ ވަޒީރަށް މައުލޫމާތުދެއްވާފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް 5 ސެޕްޓެމްބަރ 2026 ގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމު ދައްކަވާފައިވާ ވާހަކަފުޅުގައި އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށާއި އެކަން ކުރި މީހާ ވެސް ފުލުހުންނަށް އެނގޭކަމަށް މުތުލަގުކޮށް ވިދާޅުވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެހެންކަމުން، މި މައްސަލާގައި އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މަޢުލޫމާތު ސާފުކުރައްވައި، ތަހުޤީގުގައި އިތުރަށް ބައްލަވަންޖެހޭ ކަމެއްހުރިނަމަ އެކަން ބެއްލެވުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ދަންނަވާފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ހަމައެހެންމެ، ފުލުހުންގެ މައްޗަށް ރައީސް ޔާމީން ކުރެއްވި ތުހުމަތު ތަހުޤީގުކޮށް ދެއްވުމަށްއެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވެސް ދަންނަވާފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ 3 ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތައް އަންދައިގެން ގޮސްފައިވާ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންނާއި އެކުވެރި ޤައުމުތަކުގެ މިފަދަ ކަންކަން ތަހުޤީގުކުރާ މާހިރުން ގުޅިގެން ކުރި ތަހުގީގުން ހޯދިފައިވަނީ އެ ހާދިސާ ހިނގާފައިވަނީ ކަރަންޓު ނަރުތަކުގައި ރޯވެގެންކަމަށާއި…
— Minister of Homeland Security, Labour & Technology (@min_mohst) September 6, 2026
12 ޑިސެމްބަރު 2024 ގައި އެންމެ ފުރަތަމަ ރޯވީ ހައުސިން މިނިސްޓްރީގައެވެ. އޭގެ ފަހުން، ހުޅުގަނޑު ބޮޑުވަމުން ގޮސް، އެ އިމާރާތުގައި ހިންގާ ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެ ތަނާ ޖެހިގެން ހުންނަ އެންވަޔަރަންމެންޓް މިނިސްޓްރީގައި ރޯވިއެވެ. ހަތަރު ގަޑިއިރު ފަހުން އަލިފާން ނިއްވާލިއިރު އެ ތަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައެވެ.