ޚަބަރު
ކުޑަކުދިންގެ ޙައްޤުތަކުގެ ޤާނޫނު އިޞްލާޙުކުރަން ކުދިންގެ ޚިޔާލު ހޯދައިފި
މިކަމަށް ބޭއްވުނު މަޝްވަރާ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: އާއިލާއާ ބެހޭ ވުޒާރާ
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ދެނެގަތުމަށް ޓަކައި، އެކުދިންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ޚާއްޞަ ބައްދަލުވުމެއް ބާއްވައިފިއެވެ.
ޞިއްހަތާއި ޢާއިލާއާއި ޢިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން އިސްނަންގަވައިގެން ކުރިއަށްގެންދެވި މި ބައްދަލުވުމަކީ، ކުޑަކުދިންނަށް ލިބިދޭންޖެހޭ ޙައްޤުތައް ފުރިހަމައަށް ހޯދައިދިނުމަށާއި، އެކުދިންގެ ރައްކާތެރިކަމާ ގުޅޭ ޤާނޫނީ އޮނިގަނޑު އިޞްލާޙުކުރުމުގައި ކުދިންގެ ޚިޔާލާއި ބައިވެރިވުން ހޯދުމަށް އިންތިޒާމުކުރެވުނު ބައްދަލުވުމެކެވެ.
އަދި މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ކުދިންނަށް މިނިވަންކަމާއެކު ޚިޔާލު ފާޅުކުރެވޭނެ ފަދަ ކުޑަކުދިންނާ ރަޙުމަތްތެރި މާޙައުލެއްގައި ކަމަށް ޢާއިލާއާއި ޢިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މާލެއާއި އަތޮޅުތަކުގެ އެކި ސްކޫލްތަކުގެ ދަރިވަރުން މި މަޝްވަރާގައި ބައިވެރިވެފައިވާ ކަމަށާއި، ބައްދަލުވުމުގެ ތެރެއިން، ޤާނޫނުގައި ހިމެނޭ ތަފާތު މާއްދާތަކާ ގުޅޭގޮތުންނާއި، ދަރިވަރުންނަށް ކުރިމަތިވާ އެކިއެކި ދަތިތަކުގެ އިތުރުން، އެކުދިންގެ ޙިމާޔަތާއި ޒިންމާތައް އިތުރަށް ވަރުގަދަކުރުމަށްޓަކައި އެކުދިންގެ ވިސްނުމާއި ޚިޔާލުތައް ވަނީ ހުށަހަޅާފައި ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
މިފަދަ ބައްދަލުވުން ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ކުޑަކުދިންނާ ގުޅޭ ސިޔާސަތުތަކާއި ޤާނޫނުތައް އެކުލަވާލުމުގައި އެކުދިންގެ ވިސްނުމާއި ޚިޔާލުތަކަށް އިސްކަންދީ، ކުދިންގެ އެންމެ މަތީ މަޞްލަޙަތު ހިމާޔަތްކުރުން ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
އަދި މި ބައްދަލުވުމުން ލިބުނު މަޢުލޫމާތާއި ޚިޔާލުތަކަށް ބިނާކޮށް، ޤާނޫނު އިސްލާޙުކުރުމުގެ މަސައްކަތް އިތުރަށް ފުރިހަމަކުރެވިގެންދާނެކަން ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.