ޚަބަރު
މޯބިލިޓީ އޮފީހުން 3 އަހަރު ތެރޭ 11 މައްސަލައެއް ހައްލުކުރަނީ
އިކޮނޮމިކް މިނިސްޓަރު ސައީދު - ފޮޓޯ: ރައީސް އޮފީސް
ސަރުކާރުން އަލަށް އުފައްދަވާ ގްރޭޓަރ މާލޭ މޯބިލިޓީ އޮފީހުގެ އެންމެ ބޮޑު އަމާޒަކީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އެއްގަމު ދަތުރުފަތުރާ ގުޅޭ މުހިންމު 11 މައްސަލައެއް އެއްކޮށް ހައްލުކުރުން ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، އެއްގަމު ދަތުރުފަތުރާ ގުޅޭ ޚިދުމަތްތައް ހޯދުމުގައި އެކި އިދާރާތަކަށް ދާންޖެހުމުގެ ސަބަބުން ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތަކަށް ނިމުމެއް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެއް ކަމަށެވެ. އަދި އަލަށް އުފެދޭ މޯބިލިޓީ އޮފީސް ވެގެންދާނީ ޤާނޫނީ ބާރުވެރިކަން ލިބިފައިވާ އެޑްވައިޒަރީ ކައުންސިލަކާއެކު، ހުރިހާ ޚިދުމަތެއް އެއް ފުރާޅެއްގެ ދަށުން އަވަހަށް ފޯރުކޮށްދޭނެ ފަންކްޝަނަލް އިދާރާއަކަށް ކަމަށްވެސް ސައީދު ފާހަގަކުރެއްވިއެވެ.
މާލެއަކީ ބޮޑު އާބާދީއެއް އޮތް އަދި ގިނަ ބަޔަކު ދަތުރުފަތުރުކުރާ ސަރަޙައްދަކަށްވާތީ، މަގުމަތީގެ މައްސަލަތައް ހައްލުކުރެވޭނީ ސަރުކާރުގެ ހުރިހާ މުއައްސަސާއެއް އެކުގައި މަސައްކަތްކޮށްގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މި އަހަރު ފެށޭ މަގުހެދުމުގެ ބޮޑު މަޝްރޫޢާއެކު މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީވެ، ހިނގާ މީހުންނަށާއި ދުއްވާ އެއްޗެއްސަށް މަގުތައް ރައްކާތެރިވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، މި 11 މައްސަލަ ހައްލުކުރުމަށް ރޭވިފައިވާ ކަންކަމުގެ ތެރޭގައި:
- މާލެއާއި ހުޅުމާލެއާ ދެމެދު ދެމުންދާ ސްކޫލު ބަހުގެ ޚިދުމަތް އިތުރަށް ފުޅާކުރުން.
- މަގުމަތީގައި ޓްރެފިކް ބަލަހައްޓާ ފުލުހުންގެ އަދަދު އިތުރުކުރުން.
- މާލޭގެ ޓްރެފިކް މޮނީޓަރުކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޓްރެފިކް ރީޑައިރެކްޓް ކުރެވޭނެ ޚާއްޞަ މަރުކަޒެއް ޤާއިމުކުރުން.
ވަޒީރު ވިދާޅުވީ ޤާނޫނު މަގުދައްކާ 3 އަހަރުގެ މުއްދަތުގެ ތެރޭގައި މި މައްސަލަތައް ހައްލުވެ، މާލެ ސަރަޙައްދުގައި އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގައި އާންމުންނަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ.
ވެރިރަށް މާލޭގެ ގިނަ މަގުތަކަކީ ދުވަސްވެ، ހަލާކުވެފައިވާ މަގުތަކަކަށް ވުމުގެ ސަބަބުން ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އެއްޗެއްސަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައެވެ. މަގުތަކުގެ ހާލަތު ގޯސްވުމާއި، ވެހިކަލްތައް ގިނަވެ ތޮއްޖެހުން ބޮޑުވުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ހައްލުކޮށް، މަގުތަކަކީ އަމާން، ރައްކާތެރި ތަންތަނަށް ހެދުމަށް ސަރުކާރުން މިހާރު ދަނީ ޚާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ.
މާލެއާއި ހުޅުމާލެ ހިމެނޭހެން މުޅި މާލެ ސަރަޙައްދުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަކާއި ހިތާމަވެރި ހާދިސާތައް މަދުކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ދާއިރާއެވެ. މިގޮތުން ޓްރެފިކް ފްލޯ ރަނގަޅުކޮށް، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މޯބިލިޓީ އޮފީހެއް ޤާއިމުކޮށް، ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އެއްގަމު ދަތުރުފަތުރާ ގުޅޭ 11 މައްސަލައެއް ހައްލުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.
"ގްރޭޓާ މާލޭ މޯބިލިޓީ އޮފީސް އެއީ މިދަންނަވާ ރެޖިސްޓްރޭޝަން ކޮންޓްރޯލް ޒޯނުގެ ހުރިހާ ކަމެއް އެޑްމިނިސްޓަރ ކުރުމަށް ގާއިމުކުރެވިގެންދިޔައީމާ ޖުމްލަ 11 މައްސަލައަކަށް ހައްލު ހޯދުމަަށް އެ އޮފީހުން މަސައްކަތްކުރާނެ. ވަގުތު ކަނޑައެޅިފައި އޮތް ޕީރިއަޑެއްގައި. ގާނޫނު މަގުދައްކަނީ ތިން އަހަރު ދުވަސް. ތިން އަހަރު ދުވަސް ތެރޭގައި މި މައްސަލަތަކަށް ހައްލު ހޯދުމަށް،"
ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، މި އަހަރު ފެށުމަށް ހަމަޖެހިފައިވާ މާލޭގެ މަގުހެދުމުގެ ބޮޑު މަޝްރޫޢުގެ ދަށުން ހަލާކުވެފައިވާ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިގެންދާނެއެވެ. އަދި މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު އިތުރުކުރުމާއި، ސްކޫލު ބަހުގެ ޚިދުމަތް ފުޅާކުރުމުގެ އިތުރުން، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޓްރެފިކް މޮނީޓަރުކޮށް ބަލަހައްޓާނެ ޚާއްޞަ މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.