ޚަބަރު
ޤަތަރު އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް ހަފުތާއަކު 21 އަށް އިތުރުކުރަނީ
ގަތަރު އެއާވޭސްގެ މަތިންދާ ބޯޓެއް - ފޮޓޯ: ގަްލްފް ބިޒްނަސް
ދުނިޔޭގެ މަގުބޫލު އެއާލައިން ކަމަށްވާ ޤަތަރު އެއާވޭސްގެ ވިއުގަ 170 އަށް ވުރެ ގިނަ މަންޒިލަށް ފުޅާކޮށް، ކުރިއަށް އޮތް ފިނި މޫސުމާ ދިމާކޮށް ރާއްޖޭގެ ވެރިރަށް މާލެއަށް ކުރާ ދަތުރުތައް ހަފުތާއަކު 21 އަށް އިތުރުކުރުމަށް ނިންމައިފިއެވެ.
ޤަތަރުގެ ވެރިރަށް ދޯހާގައި މައި މަރުކަޒު ގާއިމުވެފައިވާ އެ އެއާލައިނުން ހާމަކުރި ގޮތުގައި، 2026-2027 ގެ ފިނި މޫސުމުގެ ތާވަލާއެކު ދުނިޔޭގެ ފަސް ސަރަހައްދަކަށް ހަފުތާއަކު 186 އަށް ވުރެ ގިނަ ފްލައިޓް އިތުރުކުރެވިގެންދާނެއެވެ. މި ބަދަލުތަކުގެ ތެރެއިން މިއަހަރުގެ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން މާލެއަށް މިހާރު ކުރަމުން އަންނަ ހަފުތާއަކު 12 ފްލައިޓްގެ އަދަދު 21 އަށް އިތުރުވެގެންދާނެއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސީޒަނާ ދިމާކޮށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މީގެ އިތުރުން އޭޝިއާ ޕެސިފިކް ސަރަހައްދުގެ އެހެން މަންޒިލްތަކަށް ބަލާއިރު، ތައިލެންޑުގެ ޕުކެޓަށް ކުރާ ދަތުރުތައް ވެސް ހަފުތާއަކު 21 އަށް އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވިއެޓްނާމްގެ ހޯޗިމިން ސިޓީ އަށާއި މެލޭޝިއާގެ ކުއާލަލަމްޕޫރަށް ކުރާ ދަތުރުތައް ވެސް ވަނީ އިތުރުކޮށްފައެވެ.
އޮސްޓްރޭލިއާ މާކެޓަށް ބަލާއިރު، އޮސްޓްރޭލިއާގެ ވެރިރަށް ކެންބަރާއަށް މެލްބަން މަގުން އަލުން ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޔޫރަޕްގެ މުހިންމު މަންޒިލްތައް ކަމަށްވާ ލަންޑަން ހީތުރޯއަށް ކުރާ ދަތުރުތައް ހަފުތާއަކު 56 އަށް، އަދި ޖަރުމަނުގެ ފްރެންކްފަޓަށް ކުރާ ދަތުރުތައް ހަފުތާއަކު 21 އަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ.
އެފްރިކާ ބައްރުން ޓެންޒޭނިއާގެ ޒެންޒިބާރަށް ދުވަހު ދަތުރުތައް އަލުން ފަށާއިރު، ސީޝެލްސް އަދި ދެކުނު އެފްރިކާގެ ޖޮހަނަސްބާގަށް ކުރާ ދަތުރުތައް ވެސް ވަނީ އިތުރުކޮށްފައެވެ. މީގެއިތުރުން މެދުއިރުމަތީގެ ސަރަހައްދުގައި ސައޫދީ އަރަބިއްޔާގެ ހަތަރު މަންޒިލަކަށް އަލުން ދަތުރުތައް ފެށުމާއެކު، ސައޫދީއަށް ކުރާ ދަތުރުތަކުގެ އަދަދު ހަފުތާއަކު 155 އަށް އަރާނެއެވެ.
ޤަތަރު އެއާވޭސްއިން ބުނި ގޮތުގައި، ދަތުރުވެރިންނަށް ލިބޭ ޚިދުމަތްތައް ފުރިހަމަކުރުމުގެ ގޮތުން އެ އެއާލައިންގެ 150 އަށް ވުރެ ގިނަ ބޯޓުގައި ސްޓާލިންކް އިންޓަނެޓްގެ ޚިދުމަތް ދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މިއާއެކު ދުވާލެއްގެ މައްޗަށް 340 އެއްހާ ފްލައިޓުގައި ސްޓާލިންކް ޚިދުމަތް ލިބިގެންދާނެއެވެ.
މި ފުޅާ ބަދަލުތަކާއެކު 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެ އެއާލައިނުން ހަފުތާއަކު ގާތްގަނޑަކަށް 1،800 ދަތުރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބާއްވާނެ ކަމަށް ލަފާކުރެވެއެވެ. މި ބަދަލުގެ ސަބަބުން ދޯހާގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.