Ads by Farudhun

ޚަބަރު

އިސްލާމްދީނާއެކު ދިވެހިންގެ ވިސްނުމަށާއި އިޖުތިމާޢީ މިންގަނޑުތަކަށް ބޮޑެތި ހެޔޮ ބަދަލެއް ގެނުވި - ހީނާ

އިސްލާމްދީނާއެކު ދިވެހިންގެ ވިސްނުމަށާއި އިޖުތިމާޢީ މިންގަނޑުތަކަށް ބޮޑެތި ހެޔޮ ބަދަލެއް ގެނުވި - ހީނާ

ވަޒީރު ހީނާ - ފޮޓޯ ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

12 ސެޕްޓެމްބަރު 2026، 11:20

12 ސެޕްޓެމްބަރު 2026، 11:20

ދިވެހިރާއްޖެ އިސްލާމް ދީނުގެ މަތިވެރި ހިދާޔަތް ޤަބޫލުކުރުމާ ގުޅިގެން ދިވެހިންގެ ވިސްނުމަށާއި، ސަގާފަތަށާއި، އިޖުތިމާޢީ އެންމެހައި މިންގަނޑުތަކަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެނުވި ކަމަށް ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. 

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ، މިއަދަކީ އިސްލާމްދީނުގެ ނޫރާނީ އަލިން ދިވެހިރާއްޖެ އަލިވެގެން ދިޔަތާ 900 އަހަރު ފުރޭ ނަސީބުވެރި ދުވަސް ކަމަށެވެ. އަދި މި މުނާސަބަތުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނަށާއި ދިވެހި އެންމެހައި އަޚުންނާއި އުޚުތުންނަށް ވަނީ އަރިސްކުރައްވާފައެވެ.

ހީނާ ވިދާޅުވީ، ހިޖުރައިން 548 ވަނަ އަހަރު ދަރުމަވަންތަ ރަސްގެފާނު މި ޤައުމުގައި އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުއްވި އެޅުއްވުމަކީ ދިވެހި ތާރީޚުގައި ހިނގައިދިޔަ އެންމެ ބޮޑު ހާދިސާ ކަމަށާއި، އެއީ ދިވެހިން ނިންމި އެންމެ މުހިންމު ނިންމުން ކަމަށެވެ. އެ ނިންމެވުމާއެކު ދިވެހިންގެ އަދަބު އިޙްތިރާމާއި، މެހެމާންދާރީއާއި، އިންސާފު ޤާއިމުކުރުމާއި، ޢާއިލީ ދިރިއުޅުން ފަދަ އެތައް ކަމެއް އިސްލާމީ ހަމަތަކަށް ބަދަލުވެ، ދިވެހި ބަހަށާއި ސަގާފަތަށް މީގެ ހެޔޮ އަސަރުތައް ކޮށްފައިވާކަން ހީނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ދިވެހި ޤައުމިއްޔަތުގެ މައިގަނޑު ބިންގަލަކީ އަދި އެންމެ އިސް ބަހާއަކީ އިސްލާމްދީން ކަމުގައި ވިދާޅުވިއެވެ.

"ހިޖުރައިން 548 ވަނަ އަހަރު ރަބީޢުލްއާޚިރު މަހުގެ ތެރޭގައި ދިވެހިން އިސްލާމްދީން ގަބޫލުކުރުމާގުޅިގެން އަޅުގަނޑުމެންގެ ތެރެއިން ގިނަ ކަންތައްތަކެއް ބަދަލުވެން އައިސްފައިވާކަން އެއީ ވަރަށް ބޮޑު ހަގީގަތެއް. 
ދިވެހިންގެ ތެރޭގައި ކުރިން ނެތް އެތައް ކަމެއް އަލުން ތައާރަފުވެ ކުރީގެ އެތައް ކަމެއް ހުއްޓުނުކަން އެއީ ދިވެހި ތާރީޚު އަޅުގަނޑުމެންނަށް ބުނެދޭ ހަގީގަތެއް. އާދެ. ދިވެހިންގެ ސަގާފަތަށް ބޮޑެތި ބަދަލްތަކެއް އަންނަމުން ދިޔަ. ދިވެހި ތާރީޚް ބަދަލުވެގެން ދިޔަ. ދިވެހިންގެ ވިސްނުމާއި އިޖުތިމާއީ މިންގަނޑުތައް ބަދަލުވެގެން ދިޔަ.ދިވެހިންގެ އަދަބު އިހުތިރާމުގެ ގަވާއިދުތަކާއި، މެހެމާންދާރީއާއި، އިންސާފު ގާއިމުކުރުމާއި، އާއިލީ ދިރިއުޅުމާއި، އަދިވެސް މިފަދަ އެތައްކަމެއް ވަނީ އިސްލާމްދީނާ އެކު އެ ދީނުގެ ހަމަތަކާ އެއްގޮތްވާނެ ގޮތުގެ މަތީން ބަދަލްވެފައި." ހިނާ ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގައި ކުރެވިފައިވާ އާކިއޮލޮޖިކަލް ދިރާސާތަކުން ދިވެހިންގެ އެވޭލާ މާޒީއާއި އިސްލާމްވުމަށްފަހު އައި ހެޔޮ ބަދަލުތައް ސާފުކޮށް ފެންނަން އެބަހުރިކަން ފާހަގަކުރައްވަމުން ހީނާ ވިދާޅުވީ، މިފަދަ ދިރާސާތައް އިތުރަށް ކުރުމަށް ޤާބިލު މީހުން ބިނާކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރިއަށްގެންދާ ކަމަށެވެ. އަދި ދިވެހި ޤައުމިއްޔަތު އޭގެ ޙައްޤު މަޤާމަށް ގެނައުމަށްޓަކައި ޚާއްޞަ ސިޔާސަތުތަކެއް ކަނޑައަޅުއްވައި މަޝްރޫޢުތައް ހިންގަވަމުން ގެންދަވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ހީނާގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، ދިވެހިރާއްޖޭގައި އުފެދުނު އިސްލާމީ މަތިވެރި ޙަޟާރަތުގެ އެންމެ އަލިގަދަ އެއް ހެއްކަކީ ރާއްޖޭގެ ރަށްރަށުގައި ފެންނަންހުރި ހިރިގަލު މިސްކިތްތައް ފަދަ އާސާރީ ތަރިކަތައް ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450