ޚަބަރު
ކާބަފައިންގެ ހުނަރުވެރިކަމާއި ޤައުމީ ޖިހާދު ގުޅިފައިވަނީ އިސްލާމީ މަތިވެރި ޢަޤީދާއާ - ހީނާ
މިނިސްޓަރު ހީނާ ވަލީދު - ފޮޓޯ: އެމްއެމްޓީވީ
ދިވެހިރާއްޖެ އިސްލާމްވުމަށްފަހު ބިނާވެގެންދިޔަ އިސްލާމީ ޙަޟާރަތަކީ ކާބަފައިންގެ ހުނަރުވެރިކަމާއި ޤާބިލުކަން ހާމަކޮށްދޭ އަގުހުރި ތާރީޚެއް ކަމަށާއި، މި ޤައުމުގެ މިނިވަންކަމާއި ޤައުމީ ޖިހާދުގެ އެންމެ ބޮޑު ސިއްރަކީ މާތްވެގެންވާ އިސްލާމްދީން ކަމަށް ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ ވިދަޅުވީ ދިވެހި ތާރީޚުން ފެންނަން ހުރި ހެކިތަކަށް ބަލާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ހިރިގަލު މިސްކިތްތަކަކީ ދިވެހިންގެ ސިކުނޑިތަކުގެ ތޫނުފިލިކަމާއި، ފުރިހަމަ އަމާޒަކަށް ޤިޔާދަތު އިސްނަގައިގެން ކުރިއަށްދިޔަ މިންވަރު ދައްކުވައިދޭ ދިރިހުރި މިސާލުތަކެއް ކަމަށެވެ. މީގެއިތުރުން، އެތައް ޤަރުނެއް ވަންދެން ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމިއޮތުމުގެ މައިގަނޑު އަސާސަކީ އިސްލާމީ ޢަޤީދާ ކަމަށާއި، ތާރީޚުގައި ޤައުމަށްޓަކައި ޖިހާދުކުރެއްވި އަބްޠާލުން ޤުރުބާންވެވަޑައިގަތީވެސް އިސްލާމްދީނުގެ ޙިމާޔަތުގައި ކަން ހީނާ ވަނީ ފާހަގަ ކުރައްވާފައެވެ.
ހީނާ ވިދާޅުވީ މިފަދަ އަގުހުރި ތާރީޚީ އަދި ޤައުމީ މަޢުލޫމާތުތައް ދެމެހެއްޓުމަށާއި، ދިވެހި ޝަޚްޞިއްޔަތު ނެގެހެއްޓުމަށްޓަކައި އިތުރު ދިރާސާތަކަށް ބޭނުންވެފައިވާކަމަށެވެ. މިގޮތުން، ޤައުމިއްޔަތުގެ ދާއިރާއިން އިލްމީ ދިރާސާތައް ކުރާނެ ޤާބިލު ދިވެހިން ބިނާކުރުމަށްޓަކައި ސަރުކާރުން މިހާރުވެސް ޚާއްޞަ ޕްރޮގްރާމްތަކެއް ދަނީ ހިންގަމުން ކަމަށް ހީނާ ވިދާޅުވިއެވެ. ދިވެހި ޤައުމިއްޔަތު އޭގެ ޙައްޤު މަޤާމަށް އިއާދަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ހަރުދަނާ ސިޔާސަތުތަކަށް މި މުނާސަބަތުގައި ހީނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ހުޅުވިފައިވާ ދުނިޔެއެއްގައި ކުރިމަތިވާ އެކިއެކި ފިކުރީ އަދި އިޖުތިމާޢީ ނުރައްކާތަކުން ސަލާމަތްވެ، އިސްލާމްދީނުގެ ރީތި އަދަބުތަކާއި އަޚްލާޤުގެ މަތީގައި ސާބިތުވެ ތިބުމަކީ މިއަދުގެ ޖީލުގެ މައްޗަށް އޮތް ޤައުމީ ވާޖިބެއް ކަމުގައިވެސް ހީނާ ވިދާޅުވިއެވެ.