ޚަބަރު
ސަރބިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑަންޓް ސަފީރު، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
މި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ޚާރިޖީ ވުޒާރާ
ދިވެހިރާއްޖެއިން ސަރބިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑަންޓް ސަފީރު އަލްފާޟިލާ އާމިނަތު ޝަބީނާ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ސަރބިއާގެ ރައީސް ހިޒް އެކްސަލަންސީ އެލެކްސެންޑަރ ވުޗިޗްއަށް އިއްޔެ އަރުވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ 14 ސެޕްޓެމްބަރު 2026 ވަނަ ދުވަހުގެ ހެނދުނު ބެލްގްރޭޑް ގައި ހުންނަ "ޕެލެސް ސަރބިއާ" ގައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ސަރބިއާގެ ރައީސްގެ އަރިހަށް އެކަމަނާ ވަނީ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ޒިޔާރާތުގައި ސަފީރު އާމިނަތު ޝަބީނާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ސަރބިއާގެ ރައީސަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރައްވާފައެވެ. އަދި ދިވެހިރާއްޖެއިން ސަރބިއާއަށް ކަނޑައަޅުއްވާފައިވާ ފުރަތަމަ ސަފީރުގެ ހައިސިއްޔަތުން ދެ ޤައުމުގެ ދެމެދުގައި އުފެދެމުންދާ ގާތް ގުޅުމަށް ރިޢާޔަތް ކުރައްވައި، މި ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް އެކަމަނާ މަސައްކަތްޕުޅު ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަންދެއްވާފައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ސަފީރު ޝަބީނާ ވަނީ، އެކި ޤައުމުތަކުން ސަރބިއާއަށް ކަނޑައަޅާފައިވާ ނޮން-ރެޒިޑެންޓް ސަފީރުންގެ ޝަރަފުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ހިޒް އެކްސަލެންސީ މާރކޯ ޑުރިޗް ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންފައިވެއެވެ.
މީގެ އިތުރުން، ސަރބިއާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އޭޝިއާ، އޮސްޓްރޭލިއާ އެންޑް ޕެސިފިކް ޑިޕާޓްމަންޓްގެ ހެޑް، މިސް ޔެލޭނާ މާރކޮވިޗް އާ އެކަމަނާ ބައްދަލުކުރައްވާފައިވެއެވެ. އަދި މި ބައްދަލުވުންތަކުގެ ތެރޭގައި ތަޢުލީމާއި ފަތުރުވެރިކަމާ އަދި ވިޔަފާރީގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މި ދަތުރުފުޅުގައި ދިވެހިރާއްޖެއިން ސަރބިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑަންޓް ސަފީރު އަލްފާޟިލާ އާމިނަތު ޝަބީނާގެ އަރިހުގައި ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ، އަލްފާޟިލް ސައިފުﷲ ވަލީދު ބައިވެރިވެވަޑައިގެންފައިވެއެވެ.