ޚަބަރު
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނެވުނު ބަދަލުތަކާއެކު ގަވާއިދު އެންޑޯސްކޮށްފި
ޕާޓީގެ އަސާސީ ޤަވާއިދު އެންޑޯޒް ކުރުމުގެ ސެޝަން. ފޮޓޯ: ޕީއެންސީ
ވެރިކަން ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އަސާސީ ޤަވާޢިދަށް ގެނެވުނު އިޞްލާޙުތަކާއެކު، އެ ޕާޓީގެ ޤަވާޢިދު، ޕާޓީގެ މަތީ މަޖިލީހުން އެންޑޯސްކޮށްފިއެވެ.
މިއަދު ހެނދުނު ފެށިގެން ކުރިއަށްދިޔަ ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގެ ދެވަނަ ދަންފަޅީގައި އޮތީ އެ ޕާޓީގެ އަސާސީ ޤަވާޢިދު އެންޑޯސްކުރުމެވެ. މިގޮތުން، އަސާސީ ޤަވާޢިދު އެންމެ ފުރަތަމަ މަތީ މަޖިލީހުން ފާސްކުރި ފަހުން މިހާތަނަށް އެ ޤަވާޢިދަށް ގެނެސްފައިވާ އެންމެހައި ބަދަލުތަކުގެ މަޢުލޫމާތު މިއަދުގެ ބައްދަލުވުމަށް ވަނީ ހުށަހަޅާފައެވެ.
އަސާސީ ޤަވާޢިދަށް ގެނެވުނު ބަދަލުތަކުގެ ތަފްޞީލު ޕްރެޒެންޓޭޝަނެއްގެ ސިފައިގައި ހުށަހަޅުއްވަމުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛު މޫސާ ފަތުޙީ އާދަމް ފާހަގަކުރެއްވި ގޮތުގައި، މި އިޞްލާޙުތަކަކީ ޕާޓީއާ ގުޅުނު މެންބަރުންގެ ޢަދަދު އިތުރުވުމާ ގުޅިގެން ކޮންމެހެން ގެންނަންޖެހުނު ބަދަލުތަކެކެވެ. މީގެއިތުރުން ތަފާތު ދާއިރާތަކަށް ޚާއްޞަކޮށްގެން ޕާޓީގެ ޙަރަކާތްތައް އިތުރަށް ފުޅާކުރުމަށާއި، ޤައުމަށް ފައިދާހުރި ގޮތެއްގައި ޕާޓީ ހިންގުމުގެ ނިޒާމު ވަރުގަދަކުރުމަށް ޓަކައި ގެންނަންޖެހޭ އިޞްލާޙުތައް ވެސް ހިމަނާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ތިންވަނަ ކަމަކީ ޕާޓީގެ އިސް ސަފުން ޕާޓީގެ މެންބަރުންނަށް އޮންނަ ޖާގަ ފުޅާކޮށް މެންބަރުންގެ ޝާމިލުވުން އިތުރުކުރުން. މިގޮތުން އަޅުގަނޑު ދަންނަވާލި ފަދައިން ގެނެވުނު މުހިއްމު ބަދަލުތަކަކީ ޕާޓީގެ އިތުރު ހަރަކާތްތަކެއް އުފެއްދުން. އެއް ހަރަކާތަކީ ޕާޓީގެ ދީނީ އިލްމުވެރިންގެ މަޖިލިސް. އަސާސީ ގަވާއިދުގެ 31 ވަނަ މާއްދާއިން 41 ވަނަ މާއްދާއަށް މިކަން ބަޔާންކުރާނެ. އަނެއް މުހިއްމު ބަދަލަކީ އަންހެނުންގެ ހަރަކާތް އުފެއްދުން. މި ހަރަކާތުގެ ވާހަކަ އަސާސީ ގަވާއިދުގެ 41 ވަނަ މާއްދާއިން 45 ވަނަ މާއްދާއަށް ބަޔާންކުރާނެ. ދެން ޒުވާނުންގެ ހަރަކާތް،"
ފަތުހީ ވިދާޅުވިއެވެ.
ޒުވާނުންގެ ޙަރަކާތްތަކުގެ އިތުރުން ދޮށީ ޢުމުރުގެ ފަރާތްތަކަށް ޚާއްޞަކޮށްގެން އިސްރަށްވެހިންގެ ޙަރަކާތެއް އުފައްދާފައިވާކަން ސެކްރެޓަރީ ޖެނެރަލް ބަޔާންކުރެއްވިއެވެ. މިފަދަ ޙަރަކާތްތަކުގެ އިތުރުން، ޕާޓީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމުގެ މަޤްޞަދުގައި ޖުމްލަ 15 ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި ކޮމިޓީތަކުގެ ތެރޭގައި އިޤްތިޞާދީ މުހިންމު ދާއިރާތަކާއި، ޤައުމީ ސަލާމަތާއި، ޞިއްޙީ ދާއިރާގެ އިތުރުން އިޖްތިމާޢީ ކަންކަމާއި، ސައިންސާއި ޓެކްނޮލޮޖީ އަދި އެހެނިހެން މުހިންމު ދާއިރާތަކަށް ޚާއްޞަ ކޮމިޓީތައް ހިމެނެއެވެ.
މި ކޮމިޓީތައް އުފެއްދުމާ ގުޅިގެން ޕާޓީގެ މަސައްކަތްތަކާއި ޙަރަކާތްތައް އިތުރަށް ފުޅާވެގެންދިޔަކަން ފާހަގަކުރައްވައި ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ، ޕާޓީގެ އެކި ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުން އަދާކުރަންޖެހޭ ޒިންމާތަކާއި، ސްޓިއަރިން ކޮމިޓީތަކުގެ މަސްއޫލިއްޔަތުތަކާއި ދައުރު މިހާރު އަސާސީ ޤަވާޢިދުގައި ހިމަނާފައިވާ ކަމަށެވެ.
އަސާސީ ޤަވާޢިދު ފާސްކުރުމަށް ބޭއްވި މި ބައްދަލުވުމުގައި ޖުމްލަ 1064 މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޤަވާޢިދަށް ގެނެވުނު އެންމެހައި އިޞްލާޙުތަކާއެކު މުޅި އަސާސީ ޤަވާޢިދު ބަލައިގަނެ ފާސްކޮށްފައި ވަނީ މި ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މަންދޫބުންގެ އިއްތިފާޤުންނެވެ.
ކޮންގްރެސް ޕާޓީގެ މަތީ މަޖިލިސް – ޕާޓީގެ އަސާސީ ޤަވާއިދު އެންޑޯޒް ކުރުމުގެ ސެޝަން#Congress2026 #DhiveheengeRaajje#CongressPartyMV pic.twitter.com/fB9mpw0ryL
— PNC Secretariat (@pnc_secretariat) September 15, 2026