ޚަބަރު
ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ފަށައިފި
މި ވިއްސާރައިގެ ތެރެއިން. ފޮޓޯ: އެންޑީއެމްއޭ
ފާއިތުވި 4 ދުވަހު މުޅި ރާއްޖެއަށް ކުރި ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން ވިދާޅުވީ، ފާއިތުވެދިޔަ ހަތަރު ދުވަހު ރާއްޖެއަށް، ޚާއްޞަކޮށް ދެކުނުގެ އަތޮޅުތަކަށް ކުރި ވިއްސާރައިގައި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ގއ. އާއި ގދ. އަތޮޅުގެ ރަށްރަށުގައި ފެންބޮޑުވުމަށްފަހު، މިހާރު މޫސުން ރަނގަޅުވަމުން އަންނަކަމަށް އެ ރަށްރަށުގެ ކައުންސިލްތަކުން މައުލޫމާތުދީފައިވާ ކަމަށެވެ. އަދި ވިއްސާރައާ ގުޅިގެން މެދުކެނޑުނު ޢާންމު ޚިދުމަތްތައް އަލުން ފެށި، ޙާލަތު އާދައިގެ ދިރިއުޅުމަކަށް ބަދަލުވަމުންދާކަން އެ އިދާރާއަށް ފާހަގަވެފައިވާ ކަމަށެވެ.
އެންޑީއެމްއޭއިން ވިދާޅުވީ، މި ވިއްސާރައިގައި ގެއްލުން ލިބުނު ގެތައް ސާފުކުރުމާއި، ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ ހުރިހާ ފަރާތްތަކެއް ގުޅިގެން މިހާރު ފަށާފައިވާ ކަމަށެވެ. އަދި ދިރިއުޅުމަށް ދަތިވެގެން ވަގުތީގޮތުން އެހެން ތަންތަނަށް ބަދަލުކުރެވުނު ޢާއިލާތައް އަނބުރާ އެމީހުންގެ ގެދޮރަށް ބަދަލުވުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށާއި، ފެންބޮޑުވުމުގެ ސަބަބުން ބައެއް ރަށްރަށުގެ ނަރުދަމާ ނިޒާމަށް ދިމާވި މައްސަލަތައް ޙައްލުކުރެވި، ޚިދުމަތްތައް ގާތްގަނޑަކަށް ވަނީ ޢާންމު ޙާލަތަކަށް ގެނެވިފައި ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
ރަށްރަށުގެ ޙާލަތު އާދައިގެ ދިރިއުޅުމަކަށް ރުޖޫޢަވަމުންދާ ކަމަށާއި، ފެންބޮޑުވި ސަރަޙައްދުތަކާއި ގެދޮރު ސާފުކުރުމުގައި ސަމާލުކަންދޭންޖެހޭ ޞިއްޙީ އިރުޝާދުތައް، ޞިއްޙީ މަރުކަޒުތައް މެދުވެރިކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ފޯރުކޮށްދެމުން ގެންދާކަން އެންޑީއެމްއޭއިން ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި، ވިއްސާރައިގައި ލިބުނު ގެއްލުންތައް ވަޒަންކުރުމަށްފަހު ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭ އެހީތެރިކަން އެ އިދާރާއިން ވިލަރެސްކޮށް ފޯރުކޮށްދެމުން ގެންދާނެ ކަމަށާއި، މި ޙާލަތަށް އިޖާބަދިނުމުގެ ގޮތުން، ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކުގެ ވަސީލަތްތައް ފުރިހަމައަށް ބޭނުންކޮށްފައިވާކަން އެންޑީއެމްއޭއިން ފާހަގަކުރެއްވިއެވެ.
މެޓް އޮފީހުން ލަފާކުރައްވާ ގޮތުގައި މި ދުވަސްވަރު ކުރަމުންދާ ވިއްސާރަ އަލިވެ، ބުރާސްފަތި ދުވަހުން ފެށިގެން މޫސުން މުޅިން ރަނގަޅުވާނެއެވެ.
ޕެސިފިކް ކަނޑުގެ ސަރަޙައްދުގައި އުފެދުނު 'އެލްނީނޯ' ގެ ސަބަބުން ރާއްޖޭގެ މޫސުމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެތީ، ވިއްސާރަވުމުގެ ކުރިން ރައްކާތެރިވުމުގެ ގޮތުން މޫސުމާ ބެހޭ އިންޒާރުތައް ދިޔައީ ދެމުންނެވެ. މިކަމާ ގުޅިގެން، ފެންބޮޑުވުމުގެ ހާދިސާތަކަށް ސަމާލުވެ، ރަށު ކައުންސިލްތަކާއި ކަމާބެހޭ އިދާރާތަކުން ވަނީ ދުރާލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ތައްޔާރުވެފައި ކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.