ޚަބަރު
މިލަންދޫގައި އަޅާ ހައުސިން ޔުނިޓްތަކުގެ 95 އިންސައްތަ ނިމިއްޖެ
މިލަންދޫގައި އަޅާ ހައުސިން ޔުނިޓްތައް. ފޮޓޯ: ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ
ށ. މިލަންދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި މަސައްކަތުގެ އަދާހަމަ ހިއްސާކުރައްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ވުޒާރާއިން ވިދާޅުވީ، މަޝްރޫއުގައި މިހާރު ކުރިއަށްދަނީ ފިނިޝިން މަސައްކަތްތައް ކަމަށެވެ.
މިއީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށްވާއިރު، މި މަޝްރޫއުގެ ދަށުން މިލަންދޫގައި 3 ކޮޓަރީގެ 50 ހައުސިން ޔުނިޓް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ށ. މިލަންދޫގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢު pic.twitter.com/k1975dLSH1
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) September 15, 2026
މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ކޮންމެ ހައުސިން ޔުނިޓެއްގެ ބޮޑުމިނުގައި 1،000 އަކަފޫޓު ހުރެއެވެ. އަދި ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯ ރޫމެއް ހިމެނޭނެ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާއި ބެހޭ ވުޒާރާގެ ނައިބު މުޙައްމަދު ނާޝިދު ވަނީ، މި މަޝްރޫއުގެ މަސައްކަތް މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އޮތީ، ކޮންޓްރެކްޓަރަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން ހުއްޓިފައި ކަމަށާއި، އެ ވަގުތާ ހަމައަށް ނިމިފައިވަނީ މުޅި މަޝްރޫއުގެ އެންމެ 35 އިންސައްތަ މަސައްކަތް ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ކޮންޓްރެކްޓަރުންނަށް ދޭންޖެހި ނުދެވި ހުރި ފައިސާ ހަމަޖައްސަވައިދެއްވައި، ހުއްޓިފައި ހުރި މިފަދަ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް އަލުން ބާރުމިނުގައި ފައްޓަވައިދެއްވާފައިވާ ކަމަށް ނާޝިދު ވިދާޅުވިއެވެ.