ޚަބަރު
އަމާޒަކީ ކޮންގްރެސް ނިމޭއިރު މެންބަރުންގެ އަދަދު 80،000 އަށްވުރެ އިތުރުކުރުން ކަމަށް ފަލާހު ވިދާޅުވެއްޖެ
ޕީއެންސީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު. ފޮޓޯ: ޕީއެންސީ
އަމާޒަކީ ކޮންގްރެސް ނިމޭއިރު ޕާޓީގެ މެންބަރުންގެ އަދަދު 80،000 އަށްވުރެ އިތުރުކުރުން ކަމަށް ޕީއެންސީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، ޕީއެންސީގެ، މަތީ މަޖިލިސް ރަސްމީކޮށް ފެށުމަށް ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ފަލާހު ވަނީ، ރާއްޖޭގައި ހާއްސަ ގޮތެއްގައި އޮންނަނީ ދެ ފިކުރެއްކަން ފާހަގަކުރައްވާފައެވެ. އެއީ ސިޔާސީ ގޮތުން އޮންނަނީ ބޮޑު ދެ ޕާޓީއެއް ކަމަށްވާތީ ކަމަށް ފަލާހު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ޕީއެންސީއަކީ 3 ހާހެއްހާ މެންބަރުންގެ މައްޗަށް އެޕކުލެވިގެންވާ ޕާޓީއެއްކަން ފާހަގަކުރައްވާ ފަހާލު ވަނީ، މިއަދު މި އަދަދު ވަނީ 79،364 އަށް އިތުރުވެފައިވާ ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑައަށް ޔަޤީން އިރާދަކުރެއްވިއްޔާ، މި ކޮންގްރެސްގެ ކުރިއަށް އޮތް 3 ދުވަސް ނިމިގެންދާއިރު، މި ޕާޓީގެ މެންބަރުންގެ އަދަދު 80،000 މެންބަރުންނަށްވުރެ މަތިވެގެންދާނެކަން."
މެންބަރު ފަލާހު ވިދާޅުވިއެވެ.
ސިޔާސީ ޕާޓީއަކަށް ރައްޔިތުން ޝައުގުވެރިވެ، ޕާޓީއެއްގެ ދަފްތަރުގައި ހިމެނި، އެ ޕާޓީއެއްގެ މެންބަރަކަށް ވަނީ ސަބަބުތަކެއް އޮވެގެން ކަމަށް މެންބަރު ފަލާހު ވިދާޅުވިއެވެ. ސިޔާސީ ޕާޓީތަކަށް އާންމު ރައްޔިތުން ވަންނަނީ، އެ ޕާޓީތަކުގެ ލީޑަރުންގެ ވިސްނުމާއި، ފިކުރާއި ޚިޔާލާއި ގައުމުގެ މުސްތަގުބަލު ކަނޑައެޅުމަށް ޓަކައި އެ ޕާޓީއެއްގެ ލީޑަރޝިޕުން ކަނޑައަޅާ ކަންތައްތަކެއް މައްޗަށް ވިސްނާފައި ކަމަށް ފަލާހު ވިދާޅުވުއެވެ.
ވެރިކަމަށް ޕާޓީތަކުވެ ވެރިން، ރިޔާސީ އިންތިހާބުގައި ކުރިމަތިލައިގެން، އެބޭފުޅުންގެ މެނިފެސްޓޯ ރައްޔިތުންނަށް ހުށަހަޅާ، އެ މެނިފެސްޓޯގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރުމުގައި އެ ޕާޓީތަކަށް ކުރެވުނީ ކިހާ މަސައްކަތެއްކަން ރައްޔިތުން ދެނެގަންނަ ކަމަށް ފަލާހު ވިދާޅުވިއެވެ. އެހެންކަމުން ގައުމުގެ ހެވާއި ލާބައަށް ކުރާ މަސައްކަތްތައް ރައްޔިތުން ގާތުން ބަލާކަން ހާމަވެގެންދާ ކަމަށް ފަލާހު ވިދާޅުވިއެވެ.