ޚަބަރު
ޕީއެންސީއަށް 6 ނައިބު ރައީސުން އިންތިހާބުކޮށްފި
ޕީއެންސީއަށް 6 ނައިބު ރައީސުން
ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ)އަށް 6 ނައިބު ރައީސުން އިންތިޚާބުކޮށްފިއެވެ.
1300 އަށް ވުރެ ގިނަ މަންދޫބުންނާއެކު ޔޫތު ސެންޓަރުގައި ޕީއެންސީގެ ކޮންގްރެސް ފަށާފައިވާއިރު، މި ކޮންގްރެސްގައި މިއަދު ވޯޓުލުމުގެ ކަންކަން ވަނީ ފަށާފައެވެ. އެގޮތުން އެންމެ ފުރަތަމަ ވޯޓުލައިފައި ވަނީ ނައިބު ރައީސުން އިންތިޚާބު ކުރުމަށެވެ. ނައިބު ރައީސް ކަމަށް 8 ބޭފުޅަކު ކުރިމަތިލައްވާފައިވާއިރު، މި މަގާމަށް އިންތިޚާބުކުރެވިގެންދިޔައީ 6 ބޭފުޅެކެވެ.
މަޤާމަށް ހޮވުނު ބޭފުޅުން:
- އަބްދުﷲ ރާފިއު: ޔޫތު މިނިސްޓަރު
- މުޙައްމަދު ސައީދު: އިކޮނޮމިކް މިނިސްޓަރު
- އިބްރާހީމް ޝުޖާ: ބާރަށު ދާއިރާގެ މެންބަރު
- ފާތިމަތު ސައުދާ: ނިލަންދޫ ދާއިރާގެ މެންބަރު
- އަހުމަދު ޝިޔާމް: ފިޝަރީޒް މިނިސްޓަރު
- މުޙައްމަދު ޙުސައިން ޝަރީފް (މުންދު): ޗީފް ގަވަމެންޓް ސްޕޯކްސްޕާސަން
އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވީ ޔޫތު މިނިސްޓަރު ރާފިއުއަށް ކަމަށްވާއިރު އެއީ، 968 ވޯޓެވެ. ޝިޔާމް 964 ވޯޓު، ސައުދާ 993 ވޯޓު، ޝުޖާއު 862 ވޯޓު، ސައީދުއަށް 833 ވޯޓު، މުންދުއަށް 780 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ.
އިންތިހާބު ކާމިޔާބުވެވަޑައިނުގެންނެވީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުހައްމަދު ނިމާލާއި، ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދެވެ.
ޕީއެންސީގެ ކޮންގްރެސް ނިންމުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 18 ވާ ހުކުރު ދުވަހުއެވެ. އެ ދުވަހު ކޮމިއުނިކޭޝަންސް ސެޝަނަކާއި، އެކުވެރިކަމުގެ 'ވިލުނޫ ހަވީރު' ކުރިއަށްދާއިރު، ރޭގަނޑު 20:00 ގައި އޮންނާނީ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތާއި ފޮޓޯ ސެޝަނެވެ.
އަމާޒަކީ ކޮންގްރެސް ނިމޭއިރު ޕާޓީގެ މެންބަރުންގެ އަދަދު 80،000 އަށްވުރެ އިތުރުކުރުން ކަމަށް ޕީއެންސީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ ރޭ ޕީއެންސީގެ މަތީ މަޖިލިސް ރަސްމީކޮށް ފެށުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވެފައެވެ.
ޕީއެންސީން މަޢުލޫމާތު ދޭ ގޮތުގައި، މި ކޮންގްރެސްގެ ސަބަބުން ޕާޓީގެ އެތެރޭގެ އެއްބައިވަންތަކަމާއި ފޯރިއާއި ޖޯޝް އިތުރުވެގެންދާނެއެވެ. އަދި ޕާޓީގެ ކަންކަމާއި ޤައުމުގެ ތަރައްޤީގެ ކަންކަން އާ އުސްމިންތަކަކަށް ގެންދިއުމަށް މި ކޮންގްރެސް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އެ ޕާޓީން ފާހަގަކުރެއެވެ.