ޚަބަރު
ޔުނިކޯޑް ސްޓޭންޑަރޑްގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނައިފި
ދިވެހި ރުފިޔާގެ ނިޝާން
ދަ ޔުނިކޯޑް ކޮންސޯޓިއަމް އިން 16 ސެޕްޓެންބަރު 2024 ގައި ނެރެފައިވާ ޔުނިކޯޑް ސްޓޭންޑަރޑްގައި، ދިވެހި ރުފިޔާގެ ނިޝާން ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ބޭނުންކުރެވޭ ގޮތަށް ހިމަނައިފިއެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވިދާޅުވީ، ޔުނިކޯޑް ސްޓޭންޑާޑް ވާޝަން UNICODE 18.0 ގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާ ކަމަށާއި، ރުފިޔާގެ ނިޝާނަށް ދީފައިވާ ކޯޑް ޕޮއިންޓަކީ U+20C2 ކަމަށެވެ.
މި ސްޓޭންޑަރޑްގައި ހިމެނިގެން ދިއުމުން، ވެބްސައިޓްތަކާއި މޯބައިލް އެޕްލިކޭޝަންތައް އަދި އެކިއެކި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ދިވެހި ރުފިޔާގެ ނިޝާން އެއް މިންގަނޑަކަށް ބޭނުންކުރެވިގެންދާނެ ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.
މިއީ، ޑިޖިޓަލް ވަސީލަތްތަކުގައި ދިވެހި ރުފިޔާގެ ނިޝާން ފަސޭހަ ކަމާއެކު ބޭނުންކުރެވޭނެ ގޮތް ހެދުމުގައި ހާސިލްވި މުހިންމު ލަނޑުދަނޑިއެއްކަން އެ އިދާރާއިން ފާހަގަކުރައްވައެވެ. އެމްއެމްއޭއިން ދިވެހި ރުފިޔާގެ ނިޝާން ތަޢާރަފުކޮށްފައި ވަނީ، 2022 ވަނަ އަހަރުއެވެ.
އެމްއެމްއޭއިން ވަނީ ޔުނިކޯޑް ސްޓޭންޑަރޑްގައި ދިވެހި ރުފިޔާގެ ނިޝާން ހިމެނުމަށް އެ އޮތޯރިޓީއަށް މަސައްކަތްކޮށްދެއްވި އެންމެހައި ފަރާތްތަކަށް ޝުކުރުދަންނަވާފައެވެ.
ދިވެހި ރުފިޔާގެ ނިޝާނަކީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މުބާރާތުގައި ބައިވެރިވި ޑިޒައިންތަކުގެ ތެރެއިން، ފަނޑިޔާރުންގެ ޕެނަލުން އެންމެ ފުރިހަމަ ޑިޒައިންގެ ގޮތުގައި ކަނޑައެޅި ފަރުމާއެވެ. މި ފަރުމާ ރަސްމީކޮށް ބޭނުންކުރަން ފަށާފައިވަނީ 2022 ވަނަ އަހަރު ކަމަށްވާއިރު، މިހާރު ދިވެހި ރުފިޔާގެ ނޫޓުތަކުންވެސް މި ނިޝާން ފެންނަން ހުރެއެވެ.