ޚަބަރު
މިދިޔަ ހަފުތާގެ ތެރޭގައި އިތުރު 4 ސަރަހައްދެއްގައި ކަނދުފަތި ޤާއިމުކޮށްފި
ޏ.ފުވައްމުލަކު އިރުން 10 މޭލު ބޭރުގައި ޤާއިމްކުރި ކަނދުފަތި. ފޮޓޯ: މަސްވެރިކަމާއި ބެހޭ ވުޒާރާ
މިދިޔަ ހަފުތާގެ ތެރޭގައި އިތުރު 4 ސަރަހައްދެއްގައި ކަނދުފަތި ޤާއިމުކޮށްފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މީގެ ތެރޭގައި ހިމެނެނީ 1 ވަދު ކަނދުފައްޗާއި 3 ދޮށީ ކަނދުފައްޗެވެ. މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި ވަދު ކަނދުފަތި އަޅާފައި ވަނީ، 10 ސެޕްޓެމްބަރ 2026 ވަނަ ދުވަހު، ޏ.ފުވައްމުލަކު އިރުން 10 މޭލު ބޭރުގައެވެ. އަދި ދޮށީ ކަނދުފަތިތައް ޤާއިމުކޮށްފައި ވަނީ، ގދ.ގައްދޫ ދެކުނުން 14 މޭލު ބޭރުގައާއި، ސ.ވިލިނގިލީ އިރުން 15 މޭލު ބޭރުގައާއި، ސ.ހިތަދޫ ހުޅަނގު އުތުރުން 13 މޭލު ބޭރުގައި ކަމަށެވެ.
މި ކަނދުފަތިތައް ޤާއިމްކުރުމުގެ ސަބަބުން އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރާނެ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ. އަދި އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަން ވެސް ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ތެރެއިން، ކަނދުފަތި އެޅުމަކީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ހިންގާ މަޝްރޫޢެކެވެ. ކުރިއަށް އޮތް ތަނުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު ކަނދުފަތިތައް ބެހެއްޓުމުގެ އިންތިޒާމުތައް ވުޒާރާއިން މެދުކެނޑުމެއްނެތި ކުރިއަށްގެންދަވާނެ ކަމުގެ ޔަޤީންކަން މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ދެއްވާފައެވެ.
ދިވެހިރާއްޖޭގެ ކަނދުފަތީގެ ވިއުގަ އިތުރަށް ފުޅާކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކޮށްގެން އައު ފަރުމާއަކަށް ބަދަލުކުރުމުގެ މަޝްރޫޢެއް އެ ވުޒާރާއިން ވަނީ ފަށާފައެވެ.