Ads by Farudhun

ޚަބަރު

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި: ވަޒީރު އިހުސާން

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި: ވަޒީރު އިހުސާން

މިނސްޓަރު އިހުސާން - ފޮޓޯ ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

17 ސެޕްޓެމްބަރު 2026، 10:30

17 ސެޕްޓެމްބަރު 2026، 10:30

މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 1.33 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށާއި، އޭގެ މަގުމަތީ އަގު 1.4 ބިލިއަން ދިވެހި ރުފިޔާއަށް އަރާ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ފުލުހުން ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، މަސްތުވާތަކެތި ސަޕްލައިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން މިހާތަނަށް 508 އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި، މިފަދަ މުއާމަލާތްތައް ހިންގާ އެއް ތަނަކަށް އެކަނިވެސް ފުލުހުން 180 ފަހަރު ވަދެ ފާސްކޮށްފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

މީގެއިތުރުން، މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރެއިން ހޯދާ ފައިސާއާ ގުޅޭ 23 މައްސަލައެއް މަނީ ލޯންޑަރިންގެ މައްސަލަތަކުގެ ގޮތުގައި ތަހުގީގުކުރަމުންދާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ރަށްރަށަށް އެތެރެކުރަން އުޅުނު 17،000 އެއްހާ ބަނގުރާ ފުޅި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި، ގަވާއިދާ ހިލާފަށް ރާ އެތެރެކުރި ބައެއް ފަރާތްތަކުގެ ހުއްދަތައްވެސް ސަރުކާރުން ބާތިލުކޮށް ހިފަހައްޓާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްޓަކައި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއަށް މި ތަކެތި އެތެރެކުރާ މީހުން ދެނެގަނެ ފިޔަވަޅު އެޅުމަށްޓަކައި ފުލުހުންގެ ތެރޭގައި ވަކި ހާއްސަ ޔުނިޓެއް އުފައްދައިގެން މަސައްކަތް ފެށީ މި ސަރުކާރުން ކަމަށެވެ. އަދި ކާގޯއާއި ޕޯސްޓުގެ ޒަރިއްޔާއިން އެތެރެކުރާ ޕެކޭޖުތައް ކުރިއަށްވުރެ ހަރުދަނާކޮށް ސްކޭންކޮށް، "ކޮންޓްރޯލްޑް ޑެލިވަރީ" މެދުވެރިކޮށް މިކަމުގެ އަސްލު ވިޔަފާރިވެރިން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށާފައިވާކަން ފާހަގަކުރައްވައި ވަޒީރު އިހުސާން ވިދާޅުވީ، ކުރީގެ ސަރުކާރުތަކުގައި އިންތިހާބުތަކާ ދިމާކޮށް މަސްތުވާތަކެތީގެ ބޮޑެތި ކުށްވެރިން ޖަލުން މިނިވަންކުރި ސަގާފަތް މި ސަރުކާރުން އެއްކޮށް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދެއްވަނީ އިންތިހާބަށާއި ސިޔާސީ މަންފާތަކަށްވުރެ ބޮޑަށް ގައުމާއި ޖީލުތަކުގެ މުސްތަގުބަލު ސަލާމަތްކުރުމަށް ކަމަށެވެ. އަދި ޒަމާންވީ މި ވަބާއިން ގައުމު ސަލާމަތްކުރުމަށް އަޅަންޖެހުނު ކޮންމެ ހަރުކަށި ފިޔަވަޅެއް އެމަނިކުފާނުގެ ލީޑަޝިޕްގައި އަޅުއްވަމުން ގެންދަވާނެ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450