ޚަބަރު
ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އައިއޭއީއޭ މެދުވެރިކޮށް ލިބޭ އެހީއަށް ރާއްޖެއިން މަރުޙަބާ ކިޔައިފި
އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައި.އޭ.އީ.އޭ.) ގެ ޖެނެރަލް ކޮންފަރަންސްގެ 70 ވަނަ ރެގިއުލަރ ސެޝަން.
އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައި.އޭ.އީ.އޭ.) ގެ ޖެނެރަލް ކޮންފަރަންސްގެ 70 ވަނަ ރެގިއުލަރ ސެޝަންގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އައިއޭއީއޭ މެދުވެރިކޮށް ލިބޭ އެހީއަށް ރާއްޖެއިން މަރުޙަބާ ކިޔައިފިއެވެ.
މި އަހަރުގެ ސެޕްޓެމްބަރ މަހުގެ 14 އިން 18 އަށް އޮސްޓްރިއާގެ ވިއެނާގައި ކުރިއަށްދާ އައިއޭއީއޭގައި ރާއްޖޭގެ ވަފުދަކުން ބައިވެރިވެފައިވާއިރު، އެ ވަފްދުގައި އެންމެ އިސްކޮށް ހުންނެވީ ޖެނީވާގައި ހުންނަ އ.ދ.ގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ.
2025 ވަނަ އަހަރު ދިވެހިރާއްޖެ އައިއޭއީއޭގެ މެންބަރު ގައުމަކަށްވީ ފަހުން، އެ އެޖެންސީއާއެކު މާނަވީ ގުޅުމެއް ބިނާކުރުމަށް ހަލުވިކަމާއެކު މަސައްކަތްތައް ކުރަމުންދާކަން ޖެނެރަލް ކޮންފަރެންސްގައި ރާއްޖެއިންދިން ތަޤުރީރުގައި އެމްބެސެޑަރ ޑރ ސަލްމާ ވަނީ ފާހަގަކުރައްވާފައެވެ.
މި ހަރަކާތްތައް ރޭވިފައިވަނީ ރާއްޖެއިން އެންމެ އިސްކަންދޭ ދާއިރާތަކަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ބޮޑަށް ކުރާ ކުޑަ ޖަޒީރާ ގައުމެއްގެ ގޮތުން ދިމާވާ ތަފާތު ގޮންޖެހުންތަކަށް ބަލައިގެން ކަމަށް އެކަމަނާ ބަޔާންކުރެއްވިއެވެ. އަދި އައ.އޭއީއޭއާ އަލަށް ގުޅުނު ކުދި ޖަޒީރާ ގައުމެއް ކަމުގައިވާ ޓިމޯ-ލެސްޓޭއަށް އެކަމަނާ ތަހުނިޔާ ވިދާޅުވިއެވެ.
ހަމައެއާއެކު، އައި.އޭ.އީ.އޭ. ގެ 'ރޭސް އޮފް ހޯޕް' ޕްރޮގްރާމުގެ އެހީގައި ކެންސަރު ބައްޔަށް ފަރުވާދިނުމުގެ ދާއިރާއިން ރާއްޖެއިން އިސްކަންދޭ ކަންތައްތަކަށް އަލިއަޅުވާލެއްވިއެވެ. މީގެ ތެރޭގައި ރާއްޖޭގައި އަލަށް ގާއިމުކުރާ ގައުމީ ކެންސަރު ހޮސްޕިޓަލުގެ ފަންނީ ގާބިލުކަން އިތުރުކުރުމާއި، ރޭޑިއޭޝަނުން ރައްކާތެރިވުމާ ގުޅޭ އުސޫލުތައް ހަރުދަނާކުރުން ހިމެނެއެވެ.
އަދި ކަންޓްރީ ޕްރޮގްރާމް ފްރޭމްވޯކް މެދުވެރިކޮށް ރާއްޖޭގެ އަމާޒުތައް އިތުރަށް ސާފުކޮށްދިނުމަށް އެދޭކަން ފާހަގަކުރައްވަމުން، ނިއުކްލިއަރ ސައިންސާއި ޓެކްނޮލޮޖީ ހަމައެކަނި ސުލްހަވެރި އަދި ރައްކާތެރި ބޭނުންތަކަށް ހިފުމަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރާކަން އެކަމަނާ ތަކުރާރުކުރެއްވިއެވެ.
އައި.އޭ.އީ.އޭގެ މައިގަނޑު ސިޔާސަތުތައް އެކުލަވާލަނީ އެ އެޖެންސީގެ އަހަރީ ޖެނެރަލް ކޮންފަރެންސްގައެވެ. ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ މި ބައްދަލުވުމުގައި އެންމެހައި މެންބަރު ގައުމުތައް އެއްވެ، ކުރެވިފައިވާ ކަންކަން ދިރާސާކުރުމާއެކު އެޖެންސީގެ ބަޖެޓާއި ކުރިއަށް ރޭވިފައިވާ ޕްރޮގްރާމްތައް ފާސްކުރެއެވެ. މީގެ އިތުރުން، ނިއުކްލިއަރ ސައިންސާއި ޓެކްނޮލޮޖީ ހަމައެކަނި ސުލްހަވެރި މަގުސަދުތަކުގައި ބޭނުންކުރުމާ ގުޅޭގޮތުންނާއި، ނިއުކްލިއަރ ރައްކާތެރިކަމާއި އަމާންކަން ދެމެހެއްޓުމަށް ބޭނުންވާ މުހިންމު ސިޔާސަތުތައް މި ބައްދަލުވުމުގައި ކަނޑައަޅައެވެ.
4 ޑިސެމްބަރު 2025 ގައި ދިވެހިރާއްޖެ އައި.އޭ.އީ.އޭގެ މެންބަރަކަށް ވުމަށްފަހު، މި ޖެނެރަލް ކޮންފަރެންސްގައި ފުރިހަމަ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެއިން ބައިވެރިވި މިއީ ފުރަތަމަ ފަހަރެވެ.