ޚަބަރު
މި ސަރުކާރު އައި ފަހުން ގޭންގު މާރާމާރީތަކުގައި އެއްވެސް ޒުވާނަކު މަރުވެފައި ނުވޭ - އިހްސާން
މިނިސްޓަރު އިހުސާން - ފޮޓޯ: ޕީއެސްއެމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން، ގޭންގު މާރާމާރީތަކާ ގުޅިގެން ރާއްޖޭގައި އެއްވެސް ޒުވާނެއްގެ ފުރާނަ ގެއްލިފައި ނުވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މަތީ މަޖިލިސް ކޮންގްރެސްގައި ގޭންގު ކުށްތައް ހުއްޓުވުމާ ގުޅޭގޮތުން ހުށަހެޅުއްވި ޕްރެޒެންޓޭޝަނެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އިޙްސާން ވިދާޅުވީ، 2007 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ކޮންމެ އަހަރަކު ވެސް ގޭންގު މާރާމާރީތަކުގައި އެވްރެޖްކޮށް 2 އާއި 5 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވަމުން ދިޔަ ކަމަށެވެ. ނަމަވެސް، މި ވެރިކަމުގައި އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން އެފަދަ އެއްވެސް ހާދިސާއެއް މިހާތަނަށް ހިނގާފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ގޭންގުތަކުން ކޯޓުތަކަށް ނުފޫޒު ފޯރުވުމާއި މަގުމަތީގައި ހިންގާ ނުރައްކާތެރި މާރާމާރީތަކާއި މީހުން މެރުން ފަދަ ޖަރީމާތައް އޮތީ އިންތިހާއަށް އިތުރުވެފައެވެ. އެހެންކަމުން، ރައީސް ޑރ. މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން، ގާނޫނުގައި ހުރި ހުސްކަންކަން ދެނެގަނެ، ގޭންގުތަކަށް ހަރަކާތްތެރި ނުވެވޭނެ ގޮތަށް ގާނޫނީ އޮނިގަނޑު ފަރުމާކޮށް، ގޭންގުތަކަށް ޚަރަދުކުރާ ފަރާތްތަކާއި ކުށްކުރާ މީހުންނަށް ފިޔަވަޅު އެޅޭނެ ނިޒާމެއް ވަނީ ގާއިމުކޮށްފައެވެ.
މީގެއިތުރުން، ޒުވާނުން ޖަލަށްލުމުގެ ބަދަލުގައި ސަރުކާރުގެ އަމާޒަކީ އެ ފަރާތްތަކަށް ރަނގަޅު މަގު ދައްކައި، މުޖުތަމައު ބަލައިގަންނަ ބަޔަކަށް ހެދުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން، ގޭންގުތަކުގައި އުޅޭ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުން، ގިނަ ބަޔަކު އެ ފުރުސަތުގެ ބޭނުން ހިފައި ކުށުގެ ވެށިން ދުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުންނާއި ސަލާމަތީ ބާރުތަކުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން އިޙްސާން ވިދާޅުވީ، ގޭންގުތަކުގެ ހަރަކާތްތައް 24 ގަޑިއިރު މޮނިޓާ ކުރުމަށްޓަކައި މާލޭގައި 13 ޔުނިޓު އަދި ހުޅުމާލޭގައި 12 ޔުނިޓު ގާއިމުކޮށްފައިވާ ކަމަށެވެ. އަދި ސިފައިންނާއި ފުލުހުންގެ ހަރަކާތްތައް އިތުރުކުރުމުގެ ސަބަބުން ގޭންގުތައް އެއްވެ އުޅޭ ސަރަހައްދުތައް ކޮންޓްރޯލް ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ހަމައެއާއެކު، މަގުމަތިން 6،000 އަށް ވުރެ ގިނަ ކުޑަކުދިންނާ ފުލުހުން ބައްދަލުކޮށް ވާހަކަދައްކާފައިވާ ކަމަށާއި، އޭގެ ތެރެއިން 159 ކުއްޖަކު ފުލުހުންގެ މަރުކަޒުތަކަށް ހާޒިރުކޮށް އިސްލާހީ ނަސޭހަތް ދީފައިވާ ކަމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިޙްސާން ވިދާޅުވީ ގޭންގު ކުށްތައް ހުއްޓުވައި، މުޖުތަމައުގެ އަމާންކަން ގާއިމުކުރުމަށް މި ސަރުކާރުން އެންމެ މަތީ ދަރަޖައިގެ އަހަންމިއްޔަތުކަމެއް ދީގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.