ޚަބަރު
މަހިބަދޫ ބިން ހިއްކުމުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލަ އެ ރަށަށް ގެންގޮސްފި
މަހިބަދޫ ބިން ހިއްކުމުގެ މަސައްކަތައް
އދ. މަހިބަދޫގެ ބިން ހިއްކުމުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލަ އެ ރަށަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަސައްކަތުގެ ތެރެއިން 7 ހެކްޓަރުގެ ބިން ހިއްކުން ހިމެނޭ ކަމަށް އެމްޓީސީސީއިން ވިދާޅުވެއެވެ. މިއީ 87297.48 އަކަ މީޓަރެވެ. މީގެ އިތުރުން، ގޮންޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 737 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލަ ޖެހުމުގެ މަސައްކަތް ކުރުން ވެސް ހިމެނެއެވެ.
މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީކުރައްވާ އަރބަން ސެންޓަރތަކުގެ ތެރޭގައި މަހިބަދޫ ހިމެނޭތީ، އެކަމަށް މަގުފަހިކުރެއްވުމުގެ ގޮތުން ކުރިޔަށް ގެންދަވާ މަޝްރޫޢެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ އަހަރު އެ ރަށުގެ ރައްޔިތުންނާއި މުޚާތަބުކުރައްވަމުން ވިދާޅުވެފައެވެ.
Project Update: Design and Build of Adh. Mahibadhoo Dredging and Reclamation Works
— MTCC Plc (@MTCCPlc) September 17, 2026
We have delivered first shipment of rock boulders to the site.
Follow more updates at: https://t.co/RjAFCf3rnI #MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/QQ6TYzet9K
މަޝްރޫޢާއެކު މަހިބަދޫގެ ތަރައްޤީގެ ދުވެލި ބާރުވެ، އެ ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމުވެފައިވާ ބޯހިޔާވަހިކަމަށް މަގުފަހިވެގެން ދާނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މިއީ ދެމެހެއްޓެނިވި ތަރައްޤީއަށް ބެލި ނަމަވެސް، މުހިންމު މަޝްރޫޢަކަށް ވެގެންދާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
މި މަޝްރޫއު އެއްކޮށް ނިމުމަކަށް އައުމުން، މަހިބަދޫގެ ގޮނޑުދޮށް ރައްކާތެރިކުރެވި، ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމާއި ބިމުގެ ދަތިކަމަށް ދެމެހެއްޓެނިވި ފުރިހަމަ ހައްލެއް ލިބިގެންދާނެ ކަމުގައި އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ.